ދ.މީދޫ ބަނދަރު ޑިޒައިންކޮށް އިމާރާތްކުރަން، 36.8 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރަރސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މީދޫ ބަނދަރުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ.

އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 408 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 36،823،998.26 ރުފިޔާގެ އަގަކަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދ.މީދޫގެ ބަނދަރުގެ ޖާގަ އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، 373 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 35 މީޓަރ ރިވެޓްމެންޓް، 294 މީޓަރު އެއްގަމު ތޮށި، 2 ނެރު ބައްތި، 15 ބަނދަރު ބައްތި 1470 ސްކެއަރ މީޓަރުގެ ޕޭވްމަންޓް، 10 މޫރިން ބްލޮކްސް، 15875 މީޓަރުގެ ބަނދަރު ފުންކުރުމުގެ އިތުރުން 1 ރޭމްޕް އެޅުމަށް ނިންމާފައިވާކަމަށް ޕްލޭނިން މނިސްޓްރީއިން ވިދާޅުވެއެވެ.

ދ.މީދޫ ބަނދަރުގެ މަސައްކަތް ޓެންޑަރ ކުރީ 2019ވަނަ އަހަރު ކަމަށް ވާއިރު، މި އަހަރުގެ ބަޖެޓްގައިވެސް އެ މަސައްކަތް ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ވޯޓުކައިރިވާތީ ހަމަ ހިނިއަންނަނީ އަދިތަންކޮޅެއް ފަ ހުން ގިނައިސްތި ހާރުފެންނަންފަށާނެ އިންތިޒާރުގެ ލިސްޓުވަރަށްދިގުދޯ@!!!!