ހީކުރިގޮތާއި، ހިލާފަށް މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން ޓޫރިޒަމް ދަށްވާނެކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް ޓޫރިސްޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 18.5 ޕަސެންޓަށް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 133،466 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރިއިރު، މިއީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12,665 މީހުން އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޔޫރަޕުން 82،383 މީހުން އައިސްފަައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 61,927 މީހުންނާ އަޅާބަލާއިރު 33 ޕަސެންޓް އިތުރުވުމެކެވެ. އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 11،829 މީހުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެގައުމުން ރާއްޖެ އައީ 10،063 މީހުންނެވެ. މިއީ 17.5 ޕަސެންޓް އިތުރުވުމެކެވެ.

ރަޝިޔާއިން ރާއްޖެއަށް 7867 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 6،413 މީހުންނެވެ. މިއީ 22.7 ޕަސެންޓް އިތުރުވުމެކެވެ. ޖަރުމަނު ވިލާތުން 14,692 މީހުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރު ރާއްޖެ އައި މީހުންނާ އަޅާބަލާއިރު 43.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ވެސް އެހެން މާކެޓުތަކުން ވަނީ ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ނަމަވެސް މިދިޔަ މަހުގެ ހިސާބުތަކުން ދައްކާގޮތުގައި ޗައިނާ ހިމެނޭ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދާއި، ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ކުޑަކޮށް ވަނީ ދަށްވެފައެވެ.