ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ގައުމު ތަކުގެ ސަރަހައްދުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްފަރާތްތަކާއި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ގައިން ގަޔަށް އަރާ އެ ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވާލައްވާފައިވާ ހާއްސަ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ވަނީ އޮޅުން ފިލުއްވާފައެވެ.

ރައީސް ވަނީ ބައްދަލުކުރެއްވުމުގައި ހާޒިރުވެވެޑައިގެން ތިއްބެވި ބޭފުޅުންނަށް، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލުމަށް އިރުޝަދު ދެއްވާފައެވެ.

މީގެ އިތުރުން މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ސާފުކުރައްވާ، މިބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތުގައި އަމަލު ކުރަންވާނެ ގޮތުގެ މައުލޫތު ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އަދި މިބަލި ފުރަތަމަ ފެތުރެން ފެށި، ޗައިނާގެ ވުހާން ސިޓީގައި މިވަގުތު ދިރިއުޅެމުން އަންނަ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއި ބެހޭ އިދާރާތްތަކުން ކުރައްވާ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސް މަޝްވަރާކުރެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކަމާއި ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން ރައީސް އޮފީހާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތްތަކުގެ އިސްވެރިންނާއި، ސިއްހީ ދާއިރާގެ މާހިރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ އޮފިޝަލުން ހިމެނެއެވެ.