ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީންް ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ސިފައިންގެ ވަޒީފާ އަށް ކުރިމަތިލެވެނީ ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް މީހަކަށް ކަމަށެވެ. އަދި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

މީގެ އިތުރުން އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މިޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭފޯމް ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް ޅ. ނައިފަރު ފަޔަރ ސްޓޭޝަން ށ. ފުނަދޫ ކައުންސިލްގެ އިދާރާ ސެންޓްރަލް އޭރިއާއިން ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް (ލ. ކައްދޫ) އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް ތ. އަތޮޅު ކައުންސިލްގެ އިދާރާ ފ. އަތޮޅު ކައުންސިލްގެ އިދާރާ އެމް.އެން.ޑީ.އެފް މުލީ ޕޯސްޓް (މ. މުލި) މާލެ އޭރިއާއިން މިނިސްޓްރީ އޮފް ޑިފެންސް ސަދަން އޭރިއާއިން އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް ސ. ހިތަދޫ ފަޔަރ ސްޓޭޝަން ގދ. ތިނަދޫ ފަޔަރ ސްޓޭޝަން ވަޒީފާއަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަންނާނެއެވެ.

ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އަދި އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ. ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ. އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު