ކޮވިޑް 19 އާއި ގުޅިގެން މާލެގައި ދެ ކްލިނިކް ޤާއިމްކޮށްފިއެވެ. އެ ދެ ފްލޫ ކްލިނިކްގެ ތެރޭގައި ހިމެނެނީ، ފްލޫ ކްލިނިކަކާއި ޓްރެވަލް ކްލިނިކެކެވެ.

އޭގެ ތެރެއިން ފްލޫ ކްލިނިކް ޤާއިމްކުރަނީ ސެނަހިޔާ ހޮސްޕޮޓަލުގައެވެ. އެއީ ކޮވިޑް 19 ފެތުރެމުންދާ ޤައުމަކަށް ޒިޔާރަތް ނުކޮށް، ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކަށް ޚާއްސަ ކުރާ ކްލިނިކެކެވެ.

ދެވަނަ ކްލިނިކް ހިންގަނީ 24 ގަޑި އިރު ޚިދުމަތްދޭ ގޮތަށް ހިންގާ ތަނެކެވެ. އެތަން ހުންނަނީ ސިނަމާލެ 2 ފުރަގަހުގައެވެ. އެތަނަކީ ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުގެ އިތުރުން ކޮވިޑް 19 ފެތުރެމުންދާ ޤައުމަކަށް ކައިރި މާޒީއެއްގައި ދަތުރު ކުރި ފަރާތްތަކަށް ޚާއްސަ ތަނެކެވެ.

ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓުން ފައްސި ވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ފަތުރުވެރިކެވެ. އަދި ބަތަލާ ރިސޯޓްގެ ދެ ފަތުރުވެރިއަކުވެސް ވަނީ މި ވައިރަސްއަށް ފައްސިވެފައެވެ.

އަދި މިހާރު އަރާ ފޭބުން ހުއްޓުވާފައި ހުރި ރަށްތަކުގެ ތެރޭގައި ބަތަލާ ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓާއި ކުރަމަތި ރިސޯޓާއި، ވިލަމަންދޫ އައިލެންޑް ރިސޯޓު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު