ބަންގްލަދޭޝް އިން ރާއްޖެ އައި ދިވެއްސަކު އެކަހެރިކުރަން (ކަރަންޓީން ކުރަން) ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ބަންގްލަދޭޝް އިން ފުރައިގެން މިރޭ އެނބުރި ރާއްޖެ އައި ދިވެއްސެއް، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ބަންގްލަދޭޝް އިން މީހުން އައުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ފަހުން ދިވެއްސަކު ބަންގްލަދޭޝް އިން ރާއްޖެ އަންނަ ނަމަ 14 ދުވަސް ވަންދެން އެމީހަކު އެކަހެރި ކޮށްފައި ބަހައްޓަން ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލް ކުރެއެވެ. އޭގެތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނެވެ.

ދިވެހި ސަރުކާރުން މިހާރު ވަނީ ބަންގްލަދޭޝް އިން ރާއްޖެ އަންނަ ބޭނުންވާ ދިވެހިން ފޮރިން މިނިސްޓްރީ އަށް ގުޅައިގެން މައުލޫމާތު ސާފުކުރަން އެދިފައެވެ.

ބަންގްލަދޭޝް އިން މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެއެވެ.

ފަގީރުން ގިނަ ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ބަލި ކޮންޓްރޯލުން ނައްޓާލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު