ކޮވިޑް-19 އަށް ރާއްޖެ އިން ހެދި ޓެސްޓްތަކުގެ ނަތީޖާ ނުލިބޭ 45 ސާމްޕަލްއެއް ލެބޯޓަރީގައި ހުރި ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާުވީ ހެނދުނާ ހަމައަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފައްސި (ޕޮޒިޓިވް)ވެފައި ވަނީ 13 މީހެއް ކަމަށާއި ނައްސި (ނެގަޓިވް) ވެފައި ވަނީ 241 މީހެއް ކަމަށެވެ. އަދި ނަތީޖާ ނުލިބޭ 45 ސާމްޕަލްއެއް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިޔަސް، އެ ނަތީޖާތައް ލިބޭނެ އިރެއް މަބްރޫކް ވިދާޅެއް ނުވެއެވެ.

މަބްރޫކް ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު މިހާރު، ސާމްޕަލްގެ އަދަދުވެސް ވަރަށް ބޮޑުތަނުން އިތުރުވެފައވާ ކަމަށެވެ.

"އަޅުގަނޑު ކުރިން ދުވަހު ދެންނެވިން ތިބޭފުޅުން ކައިރީ، ސަވައިލަންސް ސާމްޕްލިން ހަދާ ވާހަކަ. އެހެންވީމަ ސާމްޕަލްތަކުގެ ތެރެއިން ނެގޭ މިސާލަކަށް ޓްރެވަލް ކްލިނިކަށް ނަގާ ހުރިހާ ސާމްޕަލްއެއް އެއީ ހައިރިސްކް ސާމްޕަލްސް އާއި ސަވައިލަންސް އަށް ނަގާ ސާމްޕަލްސްގެ ތެރެއިން އެންމެ ފުރަތަމަ ޓެސްޓް ކުރަނީ އެންމެ ފުރަތަމަ އަންނަ ސާމްޕަލްތައް." މަބްރޫކް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ސަވައިލަންސް ސާމްޕަލް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސް ކުރުމުގައި ބުރަ ޒިންމާ އުފުލަނީ ފަސް މުވައްޒަފުންކަން ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ 5000 ކިޓު ޑަބްލިއުއެޗްއޯ އިން ވަނީ އާދިއްތަ ދުވަހު ރާއްޖެ އަށް ހަދިޔާކޮށްފައެވެ. ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި ކޮވިޑް-19 އަށް ޓެސްޓު ހެދޭނެ މަގު ވަނީ ފަހިކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފަރާތުން ރާއްޖެއަށް، ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ 10 ކިޓް އޭރު ވަނީ ހަދިޔާކޮށްފައެވެ.

ރާއްޖޭގައި ޓެސްޓްކުރުން އަވަސް ކުރުމަށް ރާއްޖޭގެ ކޮންމެ ހިސާބަކުން ސާމްޕަލް ނެގިޔަސް 12 ގަޑިއިރު ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސައިފައެވެ.

މީގެއިތުރުން އެޗްޕިއޭއިން ދަނީ މި ބައްޔާއި މެދު އާންމުން ހޭލުންތެރިކޮށް، ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު މެދުނުކެނޑި ދެމުންނެވެ. ކޮވިޑް-19 އާ ގުޅިގެން 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ތަމްރީން ދީފައެވެ. އަދި ރާއްޖެ އޮތީ މި ބަލި ފެތުރުނަ ނުދިނުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށް ސަރުކާރުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މޯހަން

  ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ 5000 ކިޓު އެއްނޫން ، ކޮރޯނާއައް ތެސްޓްކުރެވޭ 5000 އޭބުނީ ، ކޯވިޑް އަށްޓެސްޓް ކުރެވޭ 500

  ކޮރޯނާކިޓް ބޭނުންކުރާނީ ފުރަތަމަ ދެން ޕޮސިޓިވް ވެއްޖިޔާ ޔަގީންކުރަން ކޯވިޑްތޯބަލަން ކޯވިޑްކިޓްބޭނުންކުރާނީ ، ކޮރޯނާ ޕޮސިޓިވް ކޯވިޑް ނެގެޓިވްވެސް ވެދާނެ. އެއީ ކޮރޯނާ ގެ އެކިވައްތަރު އުޅޭނެތީވެ.

  4
  2
 2. ޒީރޯ ޓޮލަރަންސް

  12 ގަޑިއިރު ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމް ސިއްހަތާއި ބެހޭ ވުޒާރާއިން ހަމަޖެއްސި ވާހަކަ ބުނާއިރު، ރާއްޖެ އިން ހެދި ޓެސްޓްތަކުގެ ނަތީޖާ ނުލިބޭ 45 ސާމްޕަލްއެއް ހުރި ކަމަށް އެބުނީ ކީއްވެތޯ؟ ބަޔަކު މީހުން ވެސް އައިސްފި ދެއްތޯ މިކަމުގަ އެހީވާން. ނަތީޖާ ނެރެން ތަންކޮޅެއް އަވަސްވާން ނުޖެހޭބާ؟

  12
  1
 3. އުސައިދު

  ރާއްޖެއަކީ މިސަރަހައްދުގަ ހުރިހާ ގޮތަކުންވެސް އެންމެ ކުރިއަރާފަވާ ގައުމު ކަމުގަ މިސަރުކާރާއި ވޭތުވެދިޔަ ތިން ސަރުކާރުން ވެސް ދިޔައީ ގޮވަމުން ކަމެއް ދިމާވީމަ މި އެނގުނީ ބަންގާޅަށް ވުރެވެސް މާބޮޑަށް ވެސް ފަހަތުގަ ކަން މިތިބީ

  2
  1
 4. ކޮބާ

  ފޯ ސީޒަންސް އިން ޝައްކު ކުރެވިގެން ސާމްޕްލް ނެގި ދެ ބި ދޭސީންގެ ރިސަލްޓް ކޮބާ؟ 12 ގަޑިން ލިބޭ ރިސަލްޓް އެކޯ އެކަމަކު 45 ސާމްޕްލް ނަތީޖާ ނުލިބި؟ ވަޓް ސޯސަރީ އިޒް ދިސް؟؟؟؟؟؟؟

 5. މޭރީ ދުލްހަން

  ސަރުކާރު މުވައްޒަފުން ހިމާޔަތް ކުރިހެން ރިސޯޓް މުވައްޒަފުން ވެސް ހިމާޔަތް ކުރަންޖެހޭ. ގައުމު ލޮކުޑައުން ކުރާ ނީ ކޮންއިރަކުން ބާ.؟؟؟