ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނުމާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 1600 އަށް ވެއްޓިފައިވާ ކަން ސަރުކާރުން ހާމަ ކޮށްފިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައިން ތިބީ ރާއްޖެއަށް އައިސްފައިތިބި ބޭރު މީހުންނެވެ. އެހެން ކަމުން މި ބަލިން ރައްކާތެރިވެ އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އަންނަ ބައެއް ގައުމުތަކުން އެ ބޭފުޅުން އައުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މިއަދު ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސޯދުގެ މައި ލޭނަރަކަށް ވެފައި އޮންނަނީ ފަތުރުވެރިކަމަށް ވާއިރު މި ވައިރަސްގެ ސަބަބުން އިޤްތިސޯދަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އިއްޔެ ރާއްޖެއަށް 1609 ފަތުރުވެރިޔަކު އައިސްފައިވާއިރު މީގެ ކުރިންނަމަ އިއްޔެ ރާއްޖެއަށް 5000 ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ދިވެހި ރާއްޖޭގެ މުޅި އިގްތިސޯދުގެ މައި ލޭނަރަކަށް މިއޮތީ ފަތުރުވެރިކަން. 16 މާޗުގައި ރާއްޖޭގެ އެރައިވަލްސް މި އިނީ 1609 ގައި. އެވްރެޖް ގޮތެއްގައި މިދިޔަ އަހަރަށް ބަލާނަމަ 5000 މީހުން މިދުވަސްވަރު ދުވާލެއްގެ މައްޗަށް އަންނާނެ" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ އަމްދަނީ އަކީ ދިވެހި ދައުލަތުގެ ބަޖެޓާއި ގުޅިފައިވާ އެއްޗެއް ކަމަށާއި އެޔަކީ މުވައްޒަފުންގެ މުސާރައިގެ އިތުރުން ދައުލަތް ހިންގާ ރެވެނިއު އާއި ގުޅިފައިވާ އާމްދަނީ އެއް ކަމަށެވެ.

އިގްތިސޯދީ ގޮތުން މުޅި ދުނިޔެ ދަތި އަނދަވަޅަކަށް ވެއްޓިފައި އޮތް ނަމަވެސް މިހާރު ސަރުކާރުން ބަލަމުން އަންނަނީ ރައްޔިތުންގެ ސިއްހީ ހަލާތަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިޤްތިސޯދަށް ބޮޑު ގެއްލުމެއް ލިބިފައިވީ ނަމަވެސް ބަލި ނައްތާލައިގެން އެކަމުން އަރައިގަތުމަށް މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ސްޕެއިން، ބަންގްލަދޭޝް، އިޓަލީ، ޗައިނާ، ދެކުނު ކޮރެއާ އަދި ޖަރުމަނުގެ ބައެއް ހިސާބުތަކުން ފަތުރުވެރިން އައުން މަނާ ކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީގައި ހުރީ އުންމީދީ ވިސްނުމެކެވެ. ހާއްސަކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވީ މި އަޑިގަނޑުން އަރައިގަނެ، ރާއްޖެ ނަގާ ކޮޅަށް ޖަހަން އަތުކުރި އޮޅާލައިގެންނެވެ. ރާއްޖޭގެ ރީތިކަން ދެކިލަން ބޭނުންވެފައި ތިބި އެތައް މިލިއަން ބަޔަކަށް އެ ފުރުސަތުތައް ހޯދައި ދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލީ

  އާދޭސް ކޮށްފަ ބުނަން ސަރުކާރަށް މި ކޮވިޑަކީ ސަރުކާރުން ހަމަ ޤަޞްދުގަ މި ރާއްޖެ ގެނައި ބައްޔެއް. އަދިވެސް ތިޔާ އުޅެނީ ޑޮލަރުކޮޅުގެ ބޭނުމުގައި . ތި ފަތުރުވެރިން ގެނައުން މަނާކޮށްފަ ރާއްޖޭގެ ގޭޓް ބަންދުކޮށްދީ ބަލަ. މުހިއްމީ ޑޮލަރެއްނޫނޭ މިރާއްޖޭގެ ރައްޔިތުންނޭ މުހިއްމީ. އަދިވެސް ލިބޭވަރު މަދުވެގެން މި ތެޅެނީ ސަރުކާރު. އަދި ބުނާނެ އިސްކަން ދެނީ ރައްޔިތުމީހާގެ ސިއްހަތަށޭ. މިހާރު ހުންނާނީ ރާކަނިމަސް ކެވިފައި

  7
  1
 2. އައްޗިސޯދު

  ބަލަގަ އެއްވެސް ފަތުރުވެރިޔަކަށް ނާދެވޭގޮތަށް މިގައުމު ލޮކްޑައުން ކުރަންވެއްޖެ މިހާރު. މާމޮޅު ސިޔާސަތެެއްކަމަށް ދެކިގެން ކޮރޯނާވައިރަސް އުޅޭ ބައެއް ގައުމުތަކުގެ ވަކި ޕްރޮވިންސްތަކުން މީހުން ރާއްޖެއާދެވޭގޮތަށް ހުޅުވާފަ ބޭއްވުމަކީ ވަރަށްބޮޑު ގޯހެއް. ކުރިން އިޓަލީއާމެދުވެސް ކަންތައްކުރީ އެހެން. އެގޮތަށް ބައެއް ޕްރޮވިންސްތަކަށް މަނާވެފަ އޮއްވަ އިޓަލީގެ އެހެން ޕްރޮވިންސްތަކުން ކޮރޯނާޖެހިފަތިބި މީހުން ރާއްޖެ އެތެރެވީ. މިހާރުވެސް އެެއުޅެނީ ސައުތުކޮރެޔާއިން ވިލިމާލެއަށް އައި މީހަކަށް ޝައްކުކުރެވިގެން ދެންމެޔަކު ކަރަންޓީނުކޮށްގެން. އޭނަ އުޅޭނެހާތަނެއްގަ އުޅުނުފަހުން. އެއާޕޯޓުން އޭނަ ނުހިފެހެއްޓީ އޭނަ އައީ ސައުތުކޮރެޔާގެ އެހެން ޕްރޮވިންސަކުން ވީމައޯ. ކީކޭ ދެން ބުނާނީ.

  5
  1
 3. ރ

  އަދިވެސް ހާދަ ގިނަ މީހުން ތި އެތެރެވަނީ، ކާއްޓާ މަހާ ކައިގެންވެސް ފުރާނަ ސަލާމަތްވެއްޖާ މާ ރަނގަޅު ދޯ، ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ރޯގާއެއް ރާއްޖޭގައި ފެތުރިގެން ދިއުމަށްވުރެ، އަނެއްކާ ސިއްހީ ނިޒާމް އެހާ ބަލިކަށި، ލޮކްޑައުން ޕްލީސް

  3
  1
 4. ާަަައަބުދުﷲ

  ގިނައިންއަޔަސް ރަށްޔަތުންނަށް ލިބޭނެ އެއް
  ޗެއްނެއް 600 ވަރަކައްމީހުން އައިމަރަގަޅު
  ކެނެރީގެ މީހުންނަވާނެއެވަރުން

 5. ބަޅ

  މިހާރު ހަނދާނަށް އަންނަނީ މި ގައުމުގަ އިރެއްގަ ބަޔަކު ކަރަށް ނާރުއަރުވާފަ ޓުއަރިޒަމް ބޮއިކޮޓްކުރަން ގޮވި ހަނދާން. ކަން ދިމާކުރި ގޮތުން މިހާލަތު ތަހައްމަލު ކުރަން މި ޖެހުނީ އެހެން ގޮވި ބަޔަކު ވެރިކަމުގަ ތިއްބާ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ފަރާތަކީ ކީރިތި ﷲ. ހިތާމައަކީ މިކަން ނުވިސްނޭ ޖާހިލު އަދި ލާދީނީ ބަޔަކު މިގައުމުގައި އުޅޭކަން.

 6. Anonymous

  ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ސްޕެއިން، ބަންގްލަދޭޝް، އިޓަލީ، ޗައިނާ، ދެކުނު ކޮރެއާ އަދި ޖަރުމަނުގެ( ބައެއް ހިސާބުތަކުން(
  ކީއްވެތަ ހުރިހާ ހިސާބަކުން މަނާ ނުކުރީ.... ރައްޔިތުންނަށް ވުރެ ޑޮލަރު މުހިންމު ވީތަ

  4
  1