ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަރިވަރުންނަށް އަމާޒުކޮށްގެން ރާވާފައިވާ ޓެލެކިލާސްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މި މަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރުމަށް ނިންމުމާއި ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލެކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސުކޫލުތަކުން ރާވާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް މި މުއްދަތުގައި މެދު ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި ބެލެނިވެރިން ދަރިވަރުން ދީނީ ކަންކަމަށް އަހުލުވެރިކުރުވާ، ގޭބިސީއަށް އެއްކޮށް ކުރެވޭ ކަންތައްތައް ރާވާ އާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކުރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ހިޔާލު ތަނަވަސް ކުރެވޭނެ ފަދަ ހަރަކާތްތަކުގައި އެކުދިން މަސްއޫލު ކުރުމަށް އޭޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެއިތުރުން، ގޭތެރޭގަިއ ކުރާ މަސައްކަތުގައި ދަރިވަރުން ބައިވެރި ކުރުމާއި ފޮތްކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަގެ ހަރަކާތްތަކުގައި ދަރިވަރުން މަސްއޫލު ކުރުމާއި ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށާއި ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް އެކުދިންނާ ހިއްސާކުރުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވުމަށް ވެސް އެޑިއުކޭޝަނުން ލަފާ ދެއްވައެވެ. މީގެއިތުރުން ދަރިވަރުންގެ އަމިއްލަ ކަންކަމުގައި އެކުދިން ޒިންމާކުރުވާ ދަރިވަރުންނަށް އިސްތިސާދުކުރަން ދަސްކޮށްދިނުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ލަފާ ދެއްވައެވެ.
މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދުކުރުމާއި ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުން ކުރުމަށް ސިއްހީ ހިދުމަތްތެރިން ވަނީ އިރުޝާދު ދީފައެވެ. އަދި މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ ފުލޫ ކުލިނިކުތަކުން ފަރުވާ ހޯދައި އެފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މަގޭ އުޅަބޮށި ނޭފަތާ ހަމަޔަކަށް ނުފޯ ރާ އެހެންވީމަ ބޭނުންކު ރަނީ ޓިޝޫ