ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަސައްކަތްތަކަށް އެއްވެސް ވަރަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށާއި އޭނާގެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަަމަށް ކޮވިޑް19އިގެ މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ، ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައި ވާއިރު، އެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކާއި އިމްތިޔާޒްތަކެއް ވަނީ ލިބިދީފައެވެ. އެހެންނަމަވެސް ޑިރެކްޓަރ ޖެނެރަލްގެ ޒިންމާ އަދާކުރަން ސަރުކާރުގެ ނުފޫޒްގެ ސަބަބުން ބުރޫއަރާ ކަމަށް އަޑު ފެތުރޭތީ އެކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ޑިރެކްޓަރ ޖެނެރަލް އަަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިތާނގައި މަސައްކަތް ކުރަނީ މަލްޓީ އެޖެންސީ ޕްލެޓްފޯރމެއްގައި. މިތާގައި ހެދިފައި ހުރި ކޮންމެ ސެލްއެއް ހެދިފައި ހުރީ، ހަމަ ޑީޖީ އެ ބޭނުންވާ ޚިދުމަތްތައް ޑީޖީއަށް ފޯރުކޮށްދިނުމަށްޓަކާ. އެކަމުގެ އެއްވެސް ހުރަހެއް ޑީޖީ އަކަށް ހަމަ ނޯންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ދެން ހަމަ މި ހުރިހާ ޓީމްތައް މަސައްކަތް ކުރާ އިރު ކޯޑިނޭޝަން މީޓީންތައް ބާއްވަވާ ފައިނަލް ޑިސިޝަން ނަންގަވަނީ." މަބްރޫކް ވިދާޅުވިއެެވެ.

މީގެ އިތުރުން އިންޑިއާއިން މީހުން ރާއްޖެ އައުން މަނާނުކޮށް ވަނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް ބުނާތީ އެކަމަށް ވެސް މަބްރޫކް ވަނި ރައްދުދެއްވާފައެވެ. އިންޑިއާއިން މީހުން އައުން މަނާނުކޮށް ވަނީ ފަންނީ ލަފާ ދޭ ބޭފުޅުން އެގޮތަށް އެކަން ކުރުމަށް ލަފާދެއްވާފައި ނުވާތީ ކަމަށާއި އާއްމުކޮށް ރާއްޖެއަށް މީހުން އައުން މަނާކުރާ ގައުމުތަކުން، މީހުން އައުން މަނާކުރަނީ އެ ގައުމުތަކުގައި ކޮވިޑް 19 އެތައް ހާސް ބަޔަކަށް ޖެހުމުން ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު މަދުތަަނަކަށް މީހުން އައުން މަނާ ކުރީ ހަމައެކަނި ބަންގްލަދޭޝްއިންކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެކަން އެގޮތަށް ކުރީ ރާއްޖޭގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބިދޭސީންނަކީ ބަންގްލަދޭޝް މީހުން ކަމަށް ވުމާއި އެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ މީހުން އެތެރެވުން މަނާކުރީ މި ބިލު އެންމެ ފުރަތަމަ ފެނުނު ޗައިނާއިންނެވެ. އެއަށްފަހު އިޓަލީއާ އީރާނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދަކާއި ފްރާންސާއި ޖަރުމަނު އަދި ސްޕެއިންގެ ރައްޔިތުން ރާއްޖެއައުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބްރޯ

    ގައުމަށް މިހާލަތު އަންނަން ޖެހުނު ސަބަބު އިޓަލި ގަ ދުވަލަކު 100 އަށް ވުރެ ގިނަމީހުން މަރުވަމުންދިޔައިރު އަދި އިޓަލިއަށް ފެތުރިފައިވަމިންވަރު އިޓަލީސަރުކަރަށް ވެސް ނޭގެ ކަމަށް ވިދާޅުވަމުންދިޔައިރު ރައްޖެއަށް އިޓަލީން މީހުންއެތެރެވުން ނުހުއްޓުވި ސަބަބުގެ ތަހުގީގެއް ހިންގަންޖެހޭނެ.

  2. އަކޫ

    ޙެލްތު މިނިސްޓަރ އަމީންގެ މަސައްކަތްފެނި ރީނދޫ ބައިގަޑައް ކެތެއްނުވި. ޥަގުތާ ދަނޑިވަޅައް ބަލާފައި ޖީބައް ބަރުކޮށްލެވޭނެ ގޮތް އޮއްވާ ދެން ނެގީ ބޫން ބޫން، އެއަށްފަހު މަބޭ.

  3. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

  4. ދަންބެރު

    ސަރު ކާރާއި މެދު ޖިނާއީ ދައުވާ އުފުލެން ޖެހޭނެ ރައްޔަތުންނަށް މުސީބާތް ޖެއްސީ ސަރު ކާރުން ޕުރޮސެ ކިޔުޓަރ މި ކަމުގެ ޒިންމާ އުފުލަންޖެހޭނެ...