ރާއްޖޭގައި ކޮވިޑް-19 ފެނުމާއި އެކު އެކަމުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުވުމުގެ ގޮތުން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމި ނަމަވެސް ޝަރުއީ އެއްވެސް ކޯޓަކުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފިއެވެ.

ޑީޖޭއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް19 އަށް އަޅާ ހާއްސަ ފިޔަވަޅުގެ ތެރެއިން ސަރުކާރު ބަންދުކޮށްފައި ހުންނަ ދުވަސްވަރު ޝަރުއީ ދާއިރާއިން އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑޭނެ އިންތިޒާމް ކަށަވަރު ކުރެއްވުމަށްޓަކައި އެ މުއްދަތުގައި ޝަރުއީ ހުކުމަކާއި ގުޅިގެން ނުވަތަ ކޯޓުން ދޭ ހިދުމަތަކާ ގުޅިގެން ކޯޓަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދެއްކުމަށް ބޭނުންވާނަމަ، އޮންލައިންކޮށް އެކަން ކުރުމަށް އެދޭ ކަމަށެވެ.

ޑީޖޭއޭ އިން ބުނީ ކޯޓަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން ފައިސާ ދައްކަންޖެހޭ ފަރާތުގެ ވައިބާ ނުވަތަ ވަޓްސްއެޕް ނުވަތަ އީމެއިލް މެދުވެރިކޮށް ޑީޖޭއޭއިން ފޮނުވާ ލިންކުން ހުޅުވޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ. ނުވަތަ ޑީޖޭއޭގެ ވެބްސައިޓަށް ވަދެ ވެބްސައިޓްގައި އިންނަ ސްޓެޓިކް QR ސްކޭން ކުރުމަށްފަހު ފައިސާ ދެއްކުމަށް އެދޭ ކަމަށާއި ނުވަތަ ފައިސާ ދައްކަން ޖެހޭ ފަރާތުން، ޑީޖޭއޭގެ ބޭންކް އެކައުންޓު ނަންބަރު 001 431506 7711 ފައިސާ ޓްރާންސްފާވެސް ކުރެވިދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޑީޖޭއޭ އިން ވަނީ މި ދުވަސްވަރު ޝަރުއީ ކޯޓުތަކުގެ މުވައްޒަފުން އަމަލު ކުރަންވީ ގޮތްވެސް މީގެކުރިން ބަޔާންކޮށް އުސޫލެއް އާއްމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުން އޮފީހަށް ހާޒިރުވުމަށްފަހު ފިންގަ ޕްރިންޓު ޖެހުމުގެ ބަދަލުގައި "ސެލްފީ"އެއް ނެގުމަށްފަހު ކަނޑައެޅިފައިވާ ވަކި މުވައްޒަފަކަށް ފޮނުވިދާނެ ކަމަށެވެ.

ޑީޖޭއޭ އިން ބުނީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނުމުން އެކަން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެންގުމުން އެ މުވައްޒަފަކު މީހުންގެ ތެރެއަށް ނިކުމެ އުޅުން އެފަދަ އިދާރާއަކުން މަނާ ކޮށްފި ހާލަތެއްގައި އެކަމާއި ބެހޭ ލިޔުން ޑީޖީއޭ އަށް ފޮނުވުމުން އެ މުވައްޒަފަކު އާއްމުންގެ ތެރެއަށް ނިކުމު އުޅުމުގެ ހުއްދަ ކަމާބެހޭ އިދާރާއަކުން ދިނުމާއި ހަމައަށް މުސާރައާ އިނާޔަތްތައް ހިނގާ ގޮތަށް ޗުއްޓީއެއް ހަމަޖެއްސިދާނެ ކަމަށެވެ.

މީގެއިތުރުން މުވައްޒަފުގެ ބަލި ހާލަތަށް ބަލާ މުވައްޒަފު ކުރަންޖެހޭ މަސައްކަތުގެ ބާވަތަށް ބެލުމަށްފަހު މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކުރަންޖެހޭ ކަމަށް ކޯޓު ނުވަތަ އިދާރާގެ އިސްވެރިޔާއަށް ފެނިއްޖެ ނަމަ އެ މުވައްޒަފު ގޭގައި މަޑު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މުސާރައާ އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީއެއް ދެވިދާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަން

    އޮންލައިންކޮށް ފައިސާ ދެއްކުން އަބަދުވެސް އޮތުން ރަގަނޅު . ލިބެންވާ ފަރާތަށް އަވަހަށް ލިބުމުގެ ފަހިވާނެކަމަށް ފެނޭ