ފުލުހުން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން - ވަގުތު އިމޭޖެސް

ގއ. ދެއްވަދޫ މީހަކު އޭނާގެ އަންހެން ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގއ. ދެއްވަދޫ މީހަކު އޭނާގެ އަންހެން ދަރިފުޅަށް އަނިޔާކުރި ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށާއި ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގއ. ދެއްވަދޫ މީހަކު އޭނާގެ އަންހެން ދަރިފުޅަށް އަނިޔާކުރި ވީޑިއޯ އާންމުވެފައިވާއިރު ބައްޕަ ދަރިފުޅަށް ހަމަލާ ދޭން މަސައްކަތް ކުރަނީ ބައްޕަގެ ނުރުހުމުގައި މީހަކަށް ނަންބަރު ދިނުމުން ކަމަށް ބެލެވެއެވެ.

ވީޑިއޯ ފެށޭތަނުން ބައްޕަ ދަރިފުޅަށް ހަމަލާ ދީފައިވަނީ ލަޓިބުރިއަކުންނެވެ. ނަމަވެސް އޭގެ ފަހުން ހަމަލާ ދޭ މަންޒަރެއް ވީޑިއޯ އަކުން ނުފެނެއެވެ. ބައްޕަ ވަނީ ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ބައްޕަގެ ކިބައިން ދަރިފުޅު ސަލާމަތް ކުރަނީ އެގެއަށް ވަންނަ ފިރިހެނެކެވެ. އޭނާ ބައްޕަ އަށް ހުރަސް އެޅުމުން ބައްޕަ ވަނީ ލަޓިބުރި ހިފައިގެން މަގުމައްޗަށް ނިކުމެ ގޯތީގެ އެހެން ދޮރަކުން ވަދެ އަނެއްކާވެސް ދަރިފުޅަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް މަގުމަތީގައި ތިބި މީހުން ވަނީ އޭނާ އަށް ހުރަސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިފަހަރުވެސް މީހެއްގެ ފުރާނަ ސަލާމަތް ވުމުގައި ލޮބުވެތި ރައްޔިތުންގެ މަސައްކަތް ފެނިގެން ތިދިޔައީ، މިކަން ފާހަގަކޮށް ހިއްވަރު ދޭންޖެހޭ