ލާމު މީޑިޔާ އިންސްޓިޓިއުޓް އިން އޯލެވެލް ދަރިވަރުން އަމާޒުކޮށްގެން ކުރިޔަށްގެންދާ އޮންލައިން ކްލާސްތައް ފަށައިފިއެވެ.

މި އޮންލައިން ކްލާސްތަކަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖއިން ފެނުމާއި ގުޅިގެން، ރާއްޖޭގެ ސްކޫލްތަކާއި އަދި ޓިއުޝަން ކްލާސްތައް ބަންދުކުރުމާއެކު، މި އަހަރު ރާއްޖެއިން އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް އެހީވުމުގެ ގޮތުން ނަގައިދޭ ކްލާސްތަކެކެވެ. މި ކްލާސްތަކަކީ އެއްވެސް ފީއަކާއި ނުލާ ހިލޭ އޮންލައިންކޮށް ނަގައިދޭ ކްލާސްތަކެކެވެ.

ލާމު މީޑިޔާ އިންސްޓިޓިއުޓް އިން "ވަގުތު" އަށް މަޢުލޫމާތުދެމުން ބުނީ އޯލެވެލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ އޮންލައިން ކްލާސްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ކްލާސްތަކަށް ޖުމްލަ 100 އަށްވުރެ ގިނަ ދަރިވަރުން ރެޖިސްޓާވެފައިވާ ކަމަށެވެ.

"މިހާތަނަށް 100 އަށްވުރެ ގިނަ ކުދިން އެބަތިބި ރެޖިސްޓާވެފަ. ކްލާސްތަކުގައި ދަރިވަރުންގެ ބައިވެރިވުން ވަރަށް ރަނގަޅު. ކުދިންގެ ފަރާތުން ކްލާސްތަކާ މެދު ލިބޭ ކޮމެންޓުތައްވެސް ވަރަށް ރަނގަޅު." ލާމު މީޑިޔާ އިންސްޓިޓިއުޓް އިން "ވަގުތު" އަށް ބުންޏެވެ.

ލާމު މީޑިޔާ އިންސްޓިޓިއުޓް އިން އިތުރަށް ބުނީ ކްލާސްތަށް ފަށާފައިވީ ނަމަވެސް، އަދިވެސް ހުރިހާ މާއްދާއެއްގެ ކްލާސްތައް ނަގައިދޭނެ ޓީޗަރުން ލިބިފައިނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ ބައެއް ރަށްރަށަށް އިންޓަނެޓް ނުލިބޭތީ ކަމަށެވެ.

ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ބުނީ މިހާރު ނަގައިދޭ ކްލާސްތަކުގެ އިތުރުން އިސްލާމް، ހިސާބު އަދި ބައޮލޮޖީ ކްލާސްތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ. އަދި މި ކްލާސްތަކުގައި ބައިވެރިވެފައިވާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އެކި އެކި ވަސީލަތްތަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޯޓަލް އެއް ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާ ކަމަށް ލާމު މީޑިޔާ އިންސްޓިޓިއުޓް އިން ވަނީ ބުނެފައެވެ.

ލާމު މީޑިޔާ އިންސްޓިޓިއުޓްގެ އޮންލައިން ކްލާސްތަކުގައި ރެޖިސްޓްރީވުމަށް މި ލިންކަށް ފިއްތާލާށެވެ.

ކިޔުންތެރިންގެ ހިޔާލު