ކޮވިޑް-19 ގެ ސަބަބުން ދިވެހި ގައުމަށް މިހާރު ދިމާވެފައިވާ އޮތް ހާލަތު ވީ އެންމެ އަވަސް ފުރުސަތެއްގައި އިދިކޮޅު ފަރާތްތަކާއި ހިއްސާ ކޮށްދެއްވާ ގައުމީ ރޫހުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން އިންސާނިއްޔަތަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވެ، ޤައުމުތަކުގެ އިޤްތިޞާދު އެފުށް މިފުށަށް ޖެހެމުންދާ މި ދުވަސްވަރު، ދިވެހި ޖުމްހޫރިއްޔާގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން ޤައުމުގެ މަސްލަޙަތު އިސްކުރުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށެވެ. މިހާލަތުން އަރައިގަތުމުގައި ޕާޓީގެ މަސްލަޙަތު ދޫކޮށް، ޤައުމީ އެއްބައިވަންތަ ކަމަށް ޖާގަ ދިނުން ވެގެން ދާނީ، ދިވެހި ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަމަށް އެޅިގެންދާނެ މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއްކަން ފާހަގަކޮށް އިދިކޮޅުން ބުނީ ޕާޓީގެ މަސްލަޙަތު ދޫކޮށް، ޤައުމީ އެއްބައިވަންތަ ކަމަށް ޖާގަ ދިނުން ވެގެން ދާނީ ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރުމުގައި ވެސް އެޅޭނެ މުޙިންމު ފިޔަވަޅަކަށް ކަމަށެވެ.
"ވީމާ ޤައުމުގެ ޙާލަތު ވީ އެންމެ އަވަސް ފުރުޞަތެއްގައި މިޕާޓީއާއި ހިއްސާ ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދެމެވެ. ދިވެހި ސަރުކާރުން މިހާތަނަށް އިޢުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަމުގެ ޕްރޮގްރާމުން ޢާންމު ރައްޔިތުންނަށް ސީދާ އަސަރެއް ނުކުރުމުގެ އިތުރަށް، ވިޔަފާރިތަކަށާއި، އިޤްތިޞާދަށް އެ ފައިސާއިން ކުރަން ގަސްތުކޮށްފައިވާ އެއްވެސް ކަމެއްގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވުމަކީވެސް މިކޯލިޝަނުން ސުވާލު އުފައްދާފައިވާނެ ކަމެކެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ސަރުކާރުން އިއުލާން ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖަށް ފައިސާ ހޯދާނެ ގޮތުގެ ތަފްސީލެއް ނެތުމާއި، ފައިސާ މެނޭޖްކުރުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް މިހާ ހިސާބަށް އައިއިރުވެސް ޤާއިމުވެފައި ނުވުމީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެއިތުރުން މިހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ ކާޑާއި، ބޭސް ފަދަ ބާވަތްތަކާއި، ފިޔާ، ބިސް އަދި ތަރުކާރިއާ މޭވާ ފަދަ ބާވަތްތައް ދަތި ނުވެ ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށް ދިނުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

"އެހެން މިދެންނެވީ އިސްވެ ދެންނެވުނު ބާވަތްތަކުގެ މުދާ ދިވެހިރާއްޖެއަށް ޢާންމުގޮތެއްގައި އެތެރެ ކުރާ ޤައުމުތަކުގެ ބޯޑަރު ބަންދު ކޮށްފައިވާތީއެވެ. އޭގެތެރޭގައި، ޕާކިސްތާން، މެލޭޝިއާ އަދި އިންޑިއާ ފަދަ ޤައުމުތައް ހިމެނޭތީއެވެ. ސަރުކާރުން މިހާތަނަށް ޢަމަލު ކުރަމުން ދިޔަ ގޮތަށް ރިޢާޔަތްކުރާއިރު، ރާއްޖޭގެ ޤައުމީ ބޭންކަށް ބޮޑެތި ބުރަތައް އުފުލުމަށް މަޖުބޫރުވާ ޙާލަތަށް ސަރުކާރު ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތްކަން މިކޯލިޝަން ދެކެމެވެ. ވީމާ ޤައުމީ ބޭންކަށް ބުރަ އުފުލޭނެ ނިސްބަތަށް ފަރުވާތެރިވުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ޑިޕޮސިޓަރުންގެ ފައިސާއަށް ސަމާލުވުމަށްވެސް ދަންނަވަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ގިނަ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި، އެފަރާތްތަކުގައި ވަޒީފާއަދާ ކުރާ އެތައްހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލުން ފަދަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކީ ފުން ވިސްނުމެއްގައި ސަރުކާރުން ޙިއްސާކުރަންޖެހޭ ކަންތައްތައް ކަމަށެވެ. މިފަދަ ޙާލަތެއްގައި ޕެންޝަން ފަންޑުން ކުރެވޭނެ ބޭނުންތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. ހަމައެއާއެކުގައި ޕެންޝަން ފަންޑުގެ ސީއީއޯ އެއް ނެތްކަން ފާހަގަކޮށް ވީ އެންމެ އަވަހަކަށް އެތަނަށް ވެރިޔަކު އިސްކުރުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ސަރުކާރުގެ އެތައް ހާސް މުވައްޒަފުންނާއި، ޓީޗަރުންނާއި، ސިއްހީ ދާއިރާގެ މުވައްޒަފުން ފަދަ މުހިންމު ފަރާތްތަކުގެ ތިން މަހުގެ މުސާރަ އާއި އިނާޔަތްތައް ދެވޭނެކަން ކަށަވަރު ކޮށްދެއްވުމަށް ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ މި ބަޔާނުގައި ގައުމުގެ ހާލަތު އެފަރާތްތަކާއި ހިއްސާ ކޮށް ދިނުމަށް ތަކުރާރުކޮށް އެދިފައެވެ. އަދި ޤައުމީ އެއްބައިވަންތަކަން އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އިޙްތިރާމާއެކު ދަންނަވާ ކަމަށް ބުނެ އިދިކޮޅުން ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނާއި ޤައުމު އިސްކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އިދިކޮޅު ސްޓްރެޓެޖީ ބަދަލުކޮށް މިހާރު ކުރަންވީ ކަމަކީ، ސަރުކާރުން ދިވެހިރައްޔިތުންނަށް ކޮށްދެ ކަންކަން ކިޔައިދޭންވީ. މަހިތުން ސްޓެޓިސްޓިކްސް ކިޔުން ނޫން ކަމެއް މި 3 މަސްތެރޭ ސަރުކާރުން ދިވެހި ރައްޔިތަކަށް ފައިދާވާނެ އެއްކަމެއްވެސް ނުކުރޭ! ދިވެހިން ދެން ތިބެނީ ސްޓެޓިސްޓިކްސް ކައިގެން.

  2. Anonymous

    އިކޮނޮމިކްސް މިނިސްޓްރީން ނެރެން އެކިޔާ ސަރވައިވަލް ޕެކޭޖްގެ މައުލޫމާތު ހޯދައިދެއްޗޭ.. މަނުބުނާނަށް ދައުލަތުގެ ބަޖެޓުން އެމީހުނަށްވެސް އެއްވެސް އެހީއެއް ވާނެއެކޭ!! ފަހަރެއްގައި ދިރާގާ އެކު ވާހަކަ ދައްކައިގެން ލޭންޑް ލައިންގެ ބިލް ދެއްކުން 3 މަހަށް ކުޑަކޮށްދީފާނެ!!

  3. Anonymous

    ރަމަޟާން މަހަށް ދިވެހި ރައްޔިތުންގެ އަތްމަތި ތަނަވަސް ކޮށްދިނުމަށް ސަރުކާރުން ކޮށްދޭނެ ކަމެއް ސާރުކުރައްވައްޗޭ.. މަބްރޫކް ޝޯ ބަލައިގެން އަހަރެމެންނަށް ބަނޑުފުރާނަ މުއްތި ކުރެވޭކަށް ނެތް. އެންމެ ކުޑަމިނުން ކާޑުގެ ބާވަތްތަކާއި މަސްދަޅު ސަރުކާރުން ފޯރުކޮށްދޭންވާނެ. އަދި ކޮންމެ ގޭ ބިސީއަކަށް 3000 ރުފިޔާ ދޭންވާނެ. ތި ޖައްސާ ޑްރިލްތަކަށާއި 5 ސްޓަރ އައިސޮލޭޝަނަށް ޚަރަދު ކުރެވެންޏާ މިކަންވެސް ކުރެވެންވާނެ.

  4. ސަގަރު

    ކަލޭމެން ތީ ކޮންބައެއް ކަންކަމައް ޑިމާންޑު ކުރަން. މިޖުލީސް ގޮޑިގަޑެއް ހޯދޭތޯ އުޅެބަލަ.

  5. ނިއުސް ކޮންފަރެންސް

    ދުވާލު 3 އިރު އޮންނަ ނިއުސް ކޮންފަރެންސް ބަލާށެވެ! އޭރުން ޤައުމުގެ ޙާލަތު އޮތްގޮތް ވަރަށް ރަނގަޅަށް ސާފުވާނެ އެވެ.

  6. ޢަލިބެ

    ކަލޭމެން ވެސް ރާޖެ ޓިވީ ބަލާ އެއިރުން އެގޭނެ

  7. އިބްރާ

    ހޫނ! މިއަދު ރައީސް ޕްރެސް ކޮބްފަރެންސް ދެއްވާ ކަން ޖާސޫސުން ހާމަކުރުމުން އަވަހަށް ގޮވަން ފެށީ ދޯ! ދެން ބނާނެ މަގޮވީމައޭ ރައީސް ނުކުތީ. މއަދުގެ ގައުމުގެ ހާލަތު ހިސާބު ޓީޗަރަށް ނޭގޭ ނަމަ ސިޔާސީ މައިދާނުން އެކަހެރިވޭ.

  8. އަލް މަބު ރޫޚުލް ވާހިދު!

    ބޭސް ކާހެން ދުވާލު 2 އިރު ސަރުކާރުން ގެންދަވަނީ އަޕްޑޭޓު ދެމުން! އެހެންވީމާ ތި މީހުން ބޭނުންވެއްޖިއްޔާ ރެކޯޑިން ދެވިދާނެ ވާހަކަ ދަންނަވަން!

  9. ޢެދުރުދައިތަ

    ގައުމުގެ ޙާލަތު ފޮރުވުމެއްނެތި ދުވާލަކު ދެއިރު ރައްޔިތުންނާ ހިއްސާ ކުރާއިރު އިދި ކޮޅު ކޯލިޝަން ކޮންތާ ކު؟

  10. އައިންތު

    ރައީސް ހިއްސާ ކުރާ ކަންކަމާ ނިންމާ ނިންމުން ލައިވުކޮށް ގެނެސްދެނީ ރައްޔިތުންނަށް. އަޅެ ކަލޭމެން ތި ދިވެހި ރައްޔިތުންނަށް ނޫންތަ