ރާއްޖެ އިން ކޮވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅު ވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ މިއަދު ނައްސި (ނެގެޓިވް) ވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ މީހެއް ކަމަށެވެ.

އެހެންކަމުން މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ 04 މީހުންނެވެ.

ޑރ.މުޙައްމަދު ޢަލީ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ބަޔަކު ރަނގަޅުވި ނަމަވެސް މިޙާލަތުގައި އަދިވެސް ރައްޔިތުން ފަރުވާ ކުޑަކޮށްގެން ނުވާނެކަމަށެވެ. މިބަލި ރާއްޖޭގައި ފެތުރަނަނުދީ ކޮންޓްރޯކުރުމަށް ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއިއެކު ރާއްޖޭގެ ޞިއްޚީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާކަމަށާއި އެހެންކަމުން ދެއްވާ އިރުޝާދުތައް ގަބޫލު ކުރުމަށް ޑރ.މުހައްމަދު އަލީ އެދިވަޑައިގެންނެވިއެވެ.

މިކަމުގައިކަމާއިބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާ މަަސއްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

މިހާތަނަށް 09 މީހަކު ކޮވިޑް-19 އިން ރަނގަޅުވި ނަމަވެސް އަދި އެއްވެސް މީހަކު ދޫކޮށެއް ނުލައެވެ. އެންމެން ވެސް ތިބީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮވިޑް-19 އިން ރަނގަޅުވި ބައެއް މީހުންނަށް ވެސް ފަހުން ބައެއް ސިއްހީ މައްސަލަތައް ދިމާވެފައި ވެއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންނަށް ފަރުވާ ދެއްވި އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ބަލިން ރަނގަޅުވި ނަމަވެސް 30 ދުވަސް ވަންދެން ރަނގަޅުވި މީހުންގެ ހާލަތު ބަލަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު