އައްޑޫ ވިޔަފާރި ކުރާ ތަންތަން ރޭގަނޑު ބަންދު ކުރުމާއި ގުޅޭގޮތުން އެ ސިޓީގެ ކައުންސިލުން ނެރުނު އިއުލާނު އެ ކައުންސިލުން ބާތިލްކޮށްފިއެވެ.

އެ އިއުލާނު ބާތިލްކޮށް އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވީ، 'އާންމު ޚިދުމަތްދޭ ތަންތަނުންޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ' ޢިއުލާން ކޮށްފައިވަނީ އެޗްޕީއޭ އިން އެކުލަވާލާފައިވާ އައްޑޫސިޓީގެ ކޮވިޑް 19 ޓާސްކް ފޯސް އިން ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށް ކަމަށެވެ.

"އިޢުލާނާއި ގުޅިގެން އައްޑޫސިޓީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެކަމަށް އިޖާބަދެއްވައި އެގޮތުގެ މަތިން ޢަމަލުކުރައްވާފައިވާތީ ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން". އެ ކައުންސިލުން ވިދާޅުވިއެވެ.

އެ ކައުންސިލުން ވިދާޅުވީ، ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެފަދަ ޙާލަތެއް އޮތްކަމަށް އެޗްޕީއޭއިން ނުދެކޭ ކަމަށާއި، އެހެންކަމުންއައްޑޫސިޓީ ކައުންސިލުން ކުރި އެ އިއުލާނު ބާޠިލްކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ރައްޔިތުން މިބަލިން ރައްކާތެރިކޮށް، ބަލި އައްޑޫސިޓީއަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އައްޑޫސިޓީ ކައުންސިލާއި ކަމާބެހޭ ހުރިހާ މުވައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ ކައުންސިލުން އެ އިއުލާނު ބާތިލްކޮށްފައިވާއިރު، އެއީ އެޗްޕީއޭއިން އެދިގެން އެޅި ފިޔަވަޅުތަކެއް ނޫންކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.