ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އަށް ބުރޫ އަރާ ނުވަތަ ދަތި ދިމާވެގެން މިހާތަނަށް ރިޕޯޓް ކޮށްފައިވަނީ 219 ކޭސް ކަމަށް ކޮވިޑް-19ގެ ހާއްސަ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށް ލޭބާ ރިލޭޝަން އޮތޯރީޓީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ވަރަށް ގިނަ ކޭސްތައް އެމްޕްލޯއިމެންޓް އެކްޓާ ހިލާފު ވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު އެއްކުރުމުގެ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މައުލޫމާތު އެއްކުރުމުގެ ގޮތުން ލޭބަ ރިލޭޝަން އޮތޯރިޓީން އެމްޕްލޯޔަރުންނަށް ނެގިފައި ހުރި ހުރިހާ ޑިސިޝަނެއްގެ މައުލޫމާތު ފޮނުވައި ދިނުމަށް އަންގާފައިވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިއަދާ ހަމައަށް ވަޒީފާ އަށް ބުރޫ އަރައިގެން ރިޕޯޓް ކޮށްފައިވަނީ 219 ކޭސް އެއް ކަމަށާއި އަދިވެސް އިތުރަށް ރަޖިސްޓަރ ކުރައްވަން ޖެހޭ ބޭފުޅުން އެބަ ތިބި ކަމަށެވެ.

"މިއަދު ހެނދުނު 10 ޖެހުމާއި ހަމައަށް ރިޕޯޓް ކުރެވިފައިވަނީ 219 ކޭސް. އެހެންވީމަ އެބަ ހުރި އިތުރަށް ރަޖިސްޓަރ ކުރައްވަން ޖެހޭ ބޭފުޅުން އެ ރެޖިސްޓަރ ކޮށްދެއްވުމަކީ އަދި މައްސަލަތައް ހުށަހެޅުމަކީ ވަރަށް ބޮޑު އެދުމެއް" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އަށް މައްސަލަ ދިމާވާ މުވައްޒަފުންނަށް ސަރުކާރުން ވަނީ އެކަމާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް އޮންލައިން ޕޯޓަލްއެއް ގާއިމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ

    ކޮބާތަ ތިބުނާ ޕޯޓަލް އެއް .
    މަ މިހުރީ ހަދާނެ ގޮތެއް ނޭނގިފަ .
    ކިއްތަވާނީ ތިއައްވުރެ ތަފްސީލްކޮށް ހަބަރު ލިުނިއްޔާ.