ވ. ކެޔޮދޫން ކޮވިޑް-19 އަށް ޓެސްޓު ކުރި މީހާގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ކެޔޮދޫއިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ވައިރަސް ހުރިތޯ ބެލުމަށް ޓެސްޓުކޮށްފައި ވަނީ ދިވެއްސެކެވެ. ނަމަވެސް އެމީހާއާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެރަށަށް އަރާފޭބުން ވެސް މަނާކޮށްފައި ވެއެވެ.

ރާއްޖެ އިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން މިހާރު ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ ހަތަރު ދިވެހިންނަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފަައްސިވި މީހުންގެ ތެރެއިން 13 ބިދޭސީއަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ރާއްޖެ އިން ބަލި ޖެހުނު ދެ މީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ ހަތަރު މީހުންނަށެވެ. އެ ހުރިހާ މީހުންނަކީ ވެސް ދިވެހިންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީ އަކުން ހަތަރު މީހެކެވެ. އެހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެ އިން ފުރައިގެން ދިޔަ ދެމީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ ދަށުން 12 މާރިޗު 2020 އިންފެށިގެން 30 ދުވަހަށް ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި އެ ގާނޫނުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    الحمدلله