ކޮވިޑް-19 އާ ގުޅިގެން އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމުން ނާދެވިފައި ތިބި 205 ދިވެހިން މޯލްޑިވިއަންގެ ބޯޓުގައި މިއަދު ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ ޓްރިވެންޑްރަމްގައި ތިބި ދިވެހިން ރާއްޖެ ގެނައީ ދެ ފްލައިޓެއްގައި ކަމަށެވެ. އެއް ފްލައިޓުގައި 50 މީހުން ގެނައި އިރު، ބާކީ ތިބި މީހުން ގެނައީ އެހެން ފްލައިޓެއްގައި ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި ދުވަސްވަރު ރާއްޖެ އަންނަ އެންމެން ވެސް 14 ދުވަހަށް ކަރަންޓީ ފެސިލިޓީތަކުގައި ބައިތިއްބާނެތީ ޓްރިވެންޑްރަމުން އައި މީހުން ވެސް 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަކަށް ދާން ޖެހޭނެއެވެ.

އެންމެ ފަހުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް ގެނައީ މެލޭޝިއާއިންނެވެ. އެގޮތުން މި މަހުގެ އަށް ވަނަ ދުވަހު މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި 100 އަށް ވުރެ ގިނަ މީހުން ރާއްޖެ ގެނެސް، ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ. އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި 183 ދިވެއްސަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މީގެ ކުރިން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ސްރީ ލަންކާގައި ތިބި ގިނަ ބަޔަކު ވެސް ރާއްޖެ ގެނެސްފައިވެއެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި ބެއިތިއްބުމަށް ފަހު ކޮވިޑް-19 އިގެ އެއްވެސް އަލާމާތެއް ފެނި ފައްސި ވެފައި ނުވާ ނަމަ އެމީހަކު ގެއަށް ދޫކޮށްލާނެއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި މީގެ ކުރިން އިސްކަން ދިނީ ތިން ބަޔަކަށެވެ. އެއީ މޯލްޑިވިއަންއިން ދެ ކޮޅު ޓިކެޓް ނަގައިގެން ދިޔަ މީހުންގެ ތެރެއިން ފްލައިޓް ކެންސަލްވެގެން ނާދެވުނު މީހުންނާއި ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އިތުރުން، ފުރަތަމަ ޓިކެޓް ގަންނަން އެދުނު މީހުންނަށެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮބާހޭ އިންޑިޔާގެ އެހެން ސްޓޭޓްސް ގައި ތިބި ދިވެހިން. ޢެމީހުންގެ އާއިލާ މީހުން ހާދަ ބިރުންނޭ އެތިބީ. މަދިޔަ ޕްރަދޭޝް މިހާރު އެއޮތީ ބަންދުވެފަ. އެތަނުގައި ތިބި ދިވެހިންނާ ދޭތެރޭ ހަމަ ނުވިސްނަނީތޯ. އެތަނުގައި ގަވަރމެންޓް މީހެއްގެ ދަރިއެއް އާއިލާގެ މީހެއް ނެތީމަތޯ