ކޮވިޑް-19 އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ.

މިގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި، މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި، އަދި ކުށުގެ ރެކޯޑް ސާފުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލު އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކުރިން ތާވަލުކުރެވިފައިވާ ޝަރީޢަތްތަކާއި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކުގެ ތަފުސީލާއި، ޝަރީޢަތް ހިންގުމުގައި އަމަލުކުރާނެގޮތުގެ ތަފުސީލުވެސް އެ އުސޫލުގައި ހިމެނެއެވެ. އަދި މީގެ އިތުރުން، އީ-މެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުޢާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުޢާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުކޮށް ދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އުސޫލުގައި ބުނެފައި ވަނީ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ޚާއްޞަ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތައް ފިޔަވައި، އެނޫން މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދާނީ އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީޢަތް ކުރިއަށް ގެންދެވިދާނެ ބާވަތުގެ މައްސަލައަކަށް ވާނަމައެވެ.

މިގޮތުން ކޮންމެހެން ބާއްވަންޖެހޭ މައްސަލަތައް، ވީޑިއޯ ކޮންފަރެންސް ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭކަމުގައިވާނަމަ ކުރިއަށްގެންދާނީ ވީޑިއޯ ކޮންފަރެންސް ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި މައްސަލަތަކާއި ގުޅިގެން ބަދަލުކުރަންޖެހޭ ލިޔެކިޔުންތަކަށް އީ-މެއިލް މެދުވެރިކޮށް ޖަވާބުދާރީވެވެން އޮތްކަމުގައިވާނަމަ ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށްގެންދާނީ އީ-މެއިލް މެދުވެރިކޮށް ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކުރުމުން މިހާރު ޝަރީޢަތްތައް ކުރިއަށް ގެންދާނެ އުސޫލުތައް ކްރިމިނަލް ކޯޓް، ހައިކޯޓް އަދި ސިވިލް ކޯޓުން ވެސް ވަނީ އާއްމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު