މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ފޮރިން މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ޔޫއޭއީގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައި ވުމުގެ ސަބަބުން އެފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިމަހުގެ 17 ވަނަ ދުވަހު ޔޫއޭއީ އަށް ދަތުރުކުރާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުން އެމީހުންނަށް ބޭނުންވާ ތަކެތި އެއްވެސް އަގެއް ނުނަގައި ފޮނުވައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޔޫއޭއީގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ކެއާ ޕެކޭޖް ފޮނުވުމަށް ބޭނުންވާ އާއިލާތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލުމަށް ނިންމާފައި ކަމަށް ފޮރިން މިނިސްޓްރީ އިން ކޮށްފައިވާ އިއުލާން ގައި ވަނީ ވިދާޅުވެފައެވެ.

ޔޫއޭއީ އަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ކައުންޓަރު ތަކުގެ ކައިރީގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ކައުންޓަރުން އެދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 15:00 އާއި ހަމަޔަށް ބަލައިގަުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ..

ޔޫއޭއީ އަށް ކެއާ ޕެކޭޖް ފޮނުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ދެ ހޮޓްލައިން އަކީ 3023996 އާއި 3023943 ކަމަށް ފޮރިން މިނިސްޓްރީ އިން ކޮށްފައިވާ އިއުލާންގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ސަރުކާރުގެ އެހީގައި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާއަށް ކެއާ ޕެކޭޖްތައް ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ވިޔަފާރި އަށް ގެންނަ ބައެއް މުދާ މޯލްޑިވިއަން ކުރާ ދަތުރު ތަކުގައި ގެނެސްދެވޭނެ ގޮތެއް ހައްދަވައި ދެއްވުން އެދެން. އިންޑިޔާގަ މީގެ މަހެއް ހާ ދުވަސް ކުރި ބަހައްޓާފަ ހުރި ޖެނެރަލް ކާރގޯ ކޮޅެއް ނުގެނެވިގެން މި އުޅެނީ. އަޅުގަނޑުމެން މީ އަބަދު ވެސް މޯލްޑިވިއަން އިން އެކާރގޯ އުފުލި މީހުން. އެކަމުން މިހާރު ކުރާ ދަތުރު ތަކުގައި އެތަކެތި އުފުލާ ނުދިނުމުގެ ސަބަބުން އެތަކެތި ހުސްވެދާނެ ކަމުގެ ބިރު އެބަ އޮތް.

  2. ާސަލީމް

    ޔޫއޭއީގައި ދިރިއުޅެމުން އަންނަ ދިވެހިން ގެންނަ ކަހަލަ ވާހަކަ އެއް އަޑު އެހިން.