ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މާލެ ފުރަބަންދުކޮށް، އާންމުން ބޭރަށް ނިކުމެއުޅުން މަނާކޮށްފައި އޮތުމުން އެފަރާތްތަކުން ބޭނުންވާ ތަކެތި މާލޭގެ އެކި ސަރަޙައްދުތަކަށް ޑެލިވަރީކޮށްދޭނެ ވޮލެންޓިއަރުން ހޯދުމަށް ޔޫތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ރޭ ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ވޮލެންޓިއަރުން ހޯދަނީ، މާލެ ސަރަޙައްދުގެ ގެތަކަށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އާއި އެކު އެމަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަޙައްދުގައި ޑެލިވަރީ ކުރުމުގައި، ވޮލެންޓިއާކޮށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން 7335426 ނަމްބަރަށް އެސްއެމްއެސް ކޮށްދިނުމަށް އެ މިނިސްޓްރީން އެދޭކަމަށެވެ.

ޑެލިވަރީގެ ޚިދުމަތަށް ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ކުރަމުން މި ދަނީ، ޑެލިވަރީގެ ހިދުމަތާއި ގުޅިގެން އާއްމު ބައެއް ފަރާތުން ޝަކުވާތަކަކާއި ކަންބޮޑުވުންތަކެއް ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޑެލިވަރީގެ ޚިދުމަތް އަވަސްކޮށް، ޑެލިވަރީ ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރޭ ސިފައިންނާއި ފުލުހުން ވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވެ ޑެލިވަރީ ކުރުމަށް ނިކުމެފައެވެ.

މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ މާލެއިން މިދިޔަ ބުދަ ދުވަހު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެންނެވެ. ކޮވިޑް-19 އާއި ގުޅިގެން ބުދަ ދުވަހުން ފަށައިގެން 2 ދުވަހު މާލެ ފުރަބަންދަށް ގެންގޮސްފައި ވާއިރު، އެ މުއްދަތު އިތުރު 14 ދުވަހަށް ދިގުދެންމުމަށް ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަޖުދު

  ކާޑެއްދޫ އެއަރޕޯރޓް މުއައްޒަފުން ޑިޔުޓީ ނިންމާލުމައްފަހު ރަށައް ދިޔުމުން މަޑެވެލި ހޯޑެއްދޫއަކަށް ނެއެރެވި. އެޗްޕީއޭ، އެމް އެން ޑީ އެފް، އަދި ޕޮލިސް އަކަށް ވެސް މިކަން ހައްލެއް ނުލިބުނި. މިކަމަށް އެހީތެރިވެދޭނީ ކާކު؟

 2. ޅިޔަންބެ

  ޑެލިވަރީ މިއަށްވުރެ އިފެކްޓިވް އަދި އެފިޝިއެންޓް ގޮތަކަށް ރާވާލަދީ. ގޭގަތިބޭ ހުރިހާ އެންމެންގެ ނަންބަރުން ގުޅާ މެސެޖްކޮށް ބޮޑެތި ލިސްޓްތައް ފޮނުވައިގެން ކާތަކެތި ސްޓޮކް ކުރުން ހުއްޓުވާލަދީ. ކޮންމެ ގޭބީސީއަކަށް އެއް ނަންބަރު ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަދާލަދީ. މިގޮތަށް މީހުން ހަދާތީ އޯޑަރު ގިނަވެ އެހެންމީހުނަށް ސާރވް ނުކުރެވި މިދަނީ. އަދި އޯޑަރަކަށް ތަކަތި ދޭ މިންވަރު ލިމިޓްކޮށް ދީ. އެއްޗެހި ގަނެ ގޭތެރެ ފުރާލައިގެން އެތަކެތި އިސްރާފްކޮށްގެން މިވައިރަސް އިން ސަލާމަތް ވެވޭކަށް ނެތް. ވީހާވެސް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކީ މިކަމުން އަރައިގަނެވެން އޮތީ. މީގެ އިތުރަށް ޑެލިވަރީ އޭރިއާތަކަށް ބަހާލައި މިކަން ސެންޓްރަލައިޒްޑް ނިޒާމެއްގެ ތެރެއިން މޮނިޓަރކުރެވިގެންދާ ގޮތަކަށް ހެދުން މުހިންމު.

 3. މާމިގިލީ މީހާ

  ޑެލިވަރީ ކޮއްގެން ގެންދާ ތަކެތި ކާކައް ނުވާނެ. މި ބަލި ޖެހިފަ ތިބި މީހުން ކުޅު އެތަކެތީގަ ހާކައިފާނެ. ބަންގާޅިން ނަކީ ކޮން ބައެއް. ގޭގައި ކައްކައިގެން ކެވޭތޯ ބަލާބަލަ ހުރިހާ މީހުންވެސް.

  2
  4
 4. މަހުދީ

  ޑެލިވަރީކޮށްދޭނެ ވޮލެންޓިއަރުން ހޯދުމަކީ ކޮވިޑް-19 ފެތުރުގައި ވަރަށް ބޮޑު ރޯލް ކުޅޭނެ އެއްކަމެއް ދަންނަވަން.

  3
  1
 5. އަހުމަދު

  ސަރުކާރުގައި ބޮޑު މުސާރަ ނަގައިގެން އުޅޭ މިނިސްޓަރުން ނާއި ނާއިބުން އަދި ސިޔާސީ މަގާމު ތަކުގައި ތިބި 700 މީހުން ތިޔަ މަސައްކަތަށް ނެރެ ބަލަ މަހުލޫފު ވެސް ނުކުމެ ބަލަ އޭރުން ތިޔަ ބޭފުޅުން ރައްޔިތުން ދެކެ ލޯބި ވާކަން އިނގޭނީ މަޖުލީހުގައި ތަމްސީލު ކުރާ ސަރުކާރު މެންބަރުން ބުނި ވާހާލެއްގައި ވާން ފުރާނަ ދޭން ތިބި ކަމަށް ކޮބައި މިއަދު އެމީހުން އެންމެ ބާރަށް ހަޅޭއްލެވި މުގުނީ އަދުން ހުސެން އީވާ، މި އެންމެން ފިލައިފި
  ސިޔާސީ ހުރިހާ އެންމެން ނުކުމެ ބަލަ ރައްޔިތުންގެ ހައްގުގައި ނުކުތްކަމަށް ވާނެ ގޭގައި ޓިޝޫއިން ބޯޅަ ކުޅެން ނޯވެ

 6. އަލި

  ރައްޔިތުންނައި އެކު ވީހާލެއްގައި ވާން ތިބި މެންބަރުނާއި ވަޒީރުނައި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ނުކުމެބަލަ އެންމެން ހޮރަށް ވަދެ ފިލާފައިދޯ ތިޔަ ތިބީ..... މަހުލޫފު ނުކުމެބަލަ ވެރިން ނަމޫނާ ދައްކަބަލަ އޭރުން ރައްޔިތުން ނުކުންނަނީ ސިޔާސީ މީހުންނަށް އެންމެ ބޮޑު މުސާރަ ލިބެނީ ސަރުކާރަށް ބޮޑެތި ކަންކަން ދިމާވީމަ އެމީހުން ނުކުންނަން ޖެހެނީ