މާލެއިން ކޮވިޑް-19 ޖެހުނުކަން އެނގުނު ފިރަތަމަ ކޭސްތައް ހިމެނޭ ކްލަސްޓާގެ 80 އިންސައްތަ ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަފްޒަލް ވިދާޅުވީ ފުރަތަމަ ކްލަސްޓާގެ ގާތްގަނޑަކަށް 80 އިންސައްތަ ނިމުނު ނަމަވެސް ކޮންޓެކް ޓްރޭސިން ނިމުނުކަން އިއުލާން ނުކުރަނީ އެހެން ދިމާތަކުން ހޯދަން ޖެހޭ ކޮންޓެކްޓްތައް ހޯދަން ޖެހުމުން ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން އަފްޒަލް ފާހަގަކުރެއްވިއެވެ.

"ޕްރައިމަރީ ސަސްޕެކްޓް ނެގިފަ މިހުރީ. އެކަމު އެހެން ދިމާލަކުން ހޯދަން ޖެހޭ ކޮންޓެކްޓްސް ދެން މި ހުރީ. އެހެން އެކި ގޮތްގޮތަށް ބަލައިގެން. އެހެންވެ ކޮންޓެކްޓް ޓްރޭސިން ނިމުނު ކަމަށް އަޅުގަނޑުމެން އިއުލާން ނުކުރަނީ."އަފްޒަލް ވިދާޅުވިއެެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ 35 އަހަރުގެ އަންހެނެކެވެ. އަދި އޭނާއާ އެކީގައި އޭނާގެ ދަރިޔަކުވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ދެ އަހަރުގެ ކުއްޖެކެވެ.

އެކަމާއި ގުޅިގެން އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ މީހަކު ހޯދިފައިވާ ކަމަށާއި އެއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 23 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ

އެމީހާއަކީ ވެސް އަންހެނެއް ކަމަށާއި އޭނާގެ އުމުރަކީ 42 އަހަރު ކަމަށްވެސް ހާމަކުރިއެވެ. އެމީހާއާ އެކުގައި އެމީހާގެ ފިރިމީހާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވި އިރު އެމީހާއަކީ 46 އަހަރުގެ މީހެކެވެ. އެ ދެމަފިރިންގެ 15 އަހަރުގެ އަންހެން ދަރިއެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ ކޭސް 25 އެވެ.

އަދި ކޭސް 23، 24 އަދި 25 އާ ޑައިރެކްޓު ކޮންޓެކްޓުވި މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފަވެއެވެ. އެއީ 37 އަހަރުގެ އަންހެނެކެވެ. މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެން ތިން އަންހެނުންނާއި އެއް ފިރިހެނަކާއި އަދި ކުޑަ ދެ ކުދިން ހިމެނެއެވެ.