މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުންނަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ފުލުހުން އެމިނިސްޓްރީއާ ހަވާލުކުރި މަގުމަތިވެފައިވާ މީހުންނަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން މުޅި މާލެ ސިޓީ ފުރަބަންދު ކޮށްފައިވާއިރު، ގުޅިގެން ގިނަ ބަޔަކު ވަންނާނެ ތަނެއް ނެތި މަގުމަތީގައި އުޅުނެވެ. އެ މީހުންނަށް އެހީވުމަށް ފުލުހުންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމށެވެ

އަދި މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ 400 އަށް ވުރެ ގިނަ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު މީހުންގެ މަޢުލޫމާތު 3328393 އަށް ގުޅާ ހިއްސާ ކުރުމަށް އެ މިނިސްޠްރީން ވަނީ އެދިފައެވެ.

މާލޭގައި މަގުމަތިވެފައި ތިބި މީހުންގެ ކަންކަން ސަރުކާރުން ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މަގުމަތިވެފައި ތިބި މީހުންގެ ކަންކަން ބެލެހެއްޓުމަށް އިމާދުއްދީން ސްކޫލާއި ގަލޮޅު ދަނޑުގައި އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.