ސިފައިންގެ މީހަކު ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރުކޮށްދީފި އެވެ.

އެކަން ކަށަވަރުކޮށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެމްއެންޑީއެފްއިން ފައްސިވެފައިވާ މުވައްޒަފަކީ ކޭސް 69 ކަމަށެވެ.

"69 ވަނަ ކޭސް އަކީ އެމްއެންޑީއެފްގެ ސްޓާފެއް. އެބޭފުޅާއާއި ގުޅިގެންވެސް ވަރަށް ގިނަ ކޮންޓެކްޓް ޓްރޭސިންގ އެބަދޭ ކުރިއަށް" އަފްޒަލް ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ މުވައްސަސާއެއްގައި މަސައްކަތްކުރާ ފަރާތަކަށް ރާއްޖޭގައި މި ވައިރަސް ޖެހުނު ފުރަތަމަ ފަހަރެެވެ.

ސިފައިންނާއި ފުލުހުން ދަނީ ކޮވިޑް-19 އާއި ގުޅިގެން، ކަމާއި ބެހޭ އެހެން އިދާރާތަކާއެކު ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 83 މީހަކު ފައްސިވެފައިވާއިރު، މީގެ ތެރޭގައި 38 ދިވެހިންނާއި 45 ބިދޭސީން ހިމެނެއެވެ. މި ބަލިޖެހިގެން ރާއްޖެއިން މިހާތަނަށް 16 މީހަކަށް ފަރުވާދެވި ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ މާރިޗު 7 ވަނަ ދުވަހުއެވެ. އަދި ވެރިރަށް މާލެއިން މި ވައިރަސްގެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވައިރަސްގެ ތިން ކޭސް އެއް މާލެއިން ވަނީ ފެނިފައެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް މާލެއިން މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު