އިންސާނުންނަށް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަހެއް ފެތުރިގަތުމާ އެކީގައި ދުނިޔޭގެ ބޮޑެތި ސިޓީތައް ހިމޭންކޮށްލި ފަދައިން ރާއްޖެ އަށް ވެސް އެރި ލޮޅުން ވަކި ކުޑައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސައިންސްވެރިންގެ ލަފާކުރުންތަކޭ އެއްގޮތަށް ރާއްޖޭގެ ޑޮކްޓަރުން ވަކި ދުލެއް ނުދެއެވެ. ބަލިމަޑުކަން ދެމިގެންދާ ގޮތުގެ ކުރެހުންތައް ކުރަހައި، ރޮނގުތައް އުފުލިދާނެ މިންވަރު ހާމަކޮށްފިއެވެ. ގަބޫލު ކުރެވޭ ބަޔަކާއި ގަބޫލު ނުކުރެވޭ ބަޔަކު ވެސް ތިއްބެވެ. އެމީހުންގެ ހިސާބުތައް ދިމާވާން ފަށައިފިއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމާއި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމު ކުރިން އަދާކުރެއްވި ޝީނާ މޫސާ ކުރިން ދެއްވީ ބިރުން ފިތްކަނޑައިގެންދާ ވަރުގެ އަދަދުތަކެކެވެ. ރާއްޖޭގައި ހެދި ލަފާކުރުންތަކުން ފެނިފައި އޮތީ ވެސް އެޕްރީލް މެދުތެރޭގައި، ކޮމިޔުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ކަމެވެ. އެކަން ހަގީގަތަކަށްވެއްޖެއެވެ. ރައްޔިތުން އިރުޝާދުތަކަށް ބޯނުލަނބައިފި ނަމަ، މާ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު ވެސް ޝީނާ ދެއްވިއެވެ.

ނިއުޒިލެންޑްގެ ވައިކާޓޯ ޑިސްޓްރިކްޓްގެ ހެލްތު ބޯޑުގައި މަސައްކަތް ކުރެއްވުމަށް ފަހު، ސަރުކާރަށް އެހީތެރިވުމަށް ރާއްޖެ ވަޑައިގެންނެވި ޝީނާ ތައުރީފް ކުރެއްވި އެއް ޑޮކްޓަރަކީ އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު މޫސާ ހުސެއިނެވެ. މޫސަ ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މިދިޔަ ހުކުރު ދުވަހު މޫސަ ފޭސްބުކްގައި ވިދާޅުވި ގޮތުގައި މަސައްކަތުގެ މާހައުލުގައި ކުރެއްވުނު ތަޖުރިބާގެ އަލީގައި ޝީނާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ވިސްނުން ތޫނު އަންހެން ބޭފުޅެކެވެ. ޝީނާއާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަން ވެސް މޫސަ ފާހަގަކުރެއްވިއެވެ.

Dr Sheena Moosa( MBBS, MPH, PhD), is a really hardworking and intelligent woman that I have ever come across during my...

Posted by Moosa Hussain on Friday, April 24, 2020

އެގޮތުން އެޗްއެންވަން އާ ގުޅޭ ގޮތުން ނެޝަނަލް ކޮންޓިންޖެންސީ ޕްލޭނެއް ހެދި އިރު، ޝީނާއާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު، އެއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އިރު، ޝީނާގެ ގާބިލްކަމާއި ވިސްނުން ތޫނު ކަމާއި މައްސަލަތަކުގައި ކުރިމަތިލައްވާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"އޭނާގެ (ޝީނާ) ގެ ލަފާކުރުންތައް މިހާތަނަށް ވަނީ ދިމާވެފައި. އަދި އެއީ އެކަށީގެންވާ ލަފާކުރުންތަކެއް،" މޫސަ ވިދާޅުވިއެވެ.

ބިރުން ފިތްކަނޑައިގެންދާ ވަރުގެ އަަދަދުތަކެއް، ސަމާލުވޭ!

މޫސަ ވަނީ ހުރިހާ ދިވެހިން ވެސް ޝީނާގެ އިރުޝާދުތައް ސީރިއަސްކޮށް ނަގައި، އޭނާގެ އިރުޝާދުތަކަށް ބޯލެނބުމަށް އެދިވަޑައިގެންފައެވެ. އޭރުން ސިއްހީ މި ކާރިސާ އިން އަރައިގަނެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޝީނާ ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ، މޫސަ ވަނީ އެކަމަށްޓަކައި އޭނާ އަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.

ދަރުބާރުގޭގައި މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީނާ ވިދާޅުވީ މި ބަލީގައި އެންމެ މުހިންމު ކަމަކީ ބައްޔަށް ހުށަހެޅުމާއި އެ ބައްޔެއް ޖެހިފައި ހުރި މުއްދަތު އެނގުން ކަމަށެވެ. އެ ދެ ކަމުން ބަލި ފެތުރެން ހުންނަ ސްޕީޑަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާތީ އެންމެ މުހިންމު ކަމަކީ ގައިދުރުކުރުން ކަމަށް ވެސް ޝީނާ ވިދާޅުވިއެވެ.

"މިހާރު ކޮމިއުނިޓީގައި ބަލި އުޅުމުގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މި ބަލި. އަޅުގަނޑުމެންނަށް މި ފެނުނީ ދިހަ ވަރަކަށް ކޭސް އަދި. އެކަމަކު އޭގެ މާނައަކީ އޭގެ ހަ ގުނަ މިހާރު އުޅޭނެއޭ ރާއްޖޭގައި. އެހެންވީމަ ސަތޭކައާ ގާތް ކުރާ އަދަދަކަށް އުޅޭނެ އަޅުގަނޑުމެންގެ ތެރޭގައި ކޭސް. ކޮންމެ މީހަކީ އެ ރިސްކުގައި ހުރި މީހެއް ކަމަށް މިހާރު ބެލެވޭނެ. ހާއްސަކޮށް ކޮންޓެކްޓް ޓްރޭސިންގެ އަދަދުތައް އެހާ ބޮޑުވީމަ. ހުރިހާ އެންމެން ވަރަށް ބޮޑަށް ސަމާލުކަން ދީގެން އުޅުނީމަ އަޅުގަނޑުމެންނަށް ނަންބަރުތައް ދަށް ކުރެވޭ ވަރަށް ހުންނާނީ،" ޝީނާ ކުރިން ވިދާޅުވިއެވެ.

ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 177 އަށް ވަނީ އަރައިފައެވެ. ރާއްޖެ އިން މި ބަލި ޖެހުނީ 75 ދިވެއްސަކަށާއި 102 ބިދޭސީންނަށެވެ. މީގެތެރެއިން މިހާތަނަށް ޝިފާ ލިބިފައި ވަނީ 18 މީހަކަށެވެ. އޭގެތެރޭގައި ދިވެހިން ވެސް ހިމެނެއެވެ.

މީގެކުރިން ހެދި ދިރާސާ ދައްކާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ކަމުގައިވިޔަސް، އެންމެ ގިނަވެގެން މި ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ 10،000 އެއްހާ މީހުންނަށެވެ. އެކަމަކު، މާލެ އިން ގިނަ ބަޔަކަށް ބަލި ޖެހުމާ އެކީގައި ހާލަތު ވަނީ ބަދަލުވެފައެވެ.

ސޯޝަލް ޑިސްޓެންސިން އާންމުންގެ ތެރޭގައި އޮތް މިންވަރަށް ބަލާފައި ގާތްގަނޑަކަށް 25،000 މީހުންގެ ގައިން ބަލި ފެނުން މިހާރު ލަފާ ކުރެވެއެވެ. މިކަމުގެ ސަބަބުން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމަށް ޝީނާ ވިދާޅުވިއެވެ. މާލެ އިން ބަލި ފެނުމުގެ ކުރިން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ލަފާ ކުރީ ގާތްގަނޑަކަށް ދެހާހެއްހާ މީހުންނެވެ. އެކަމަކު، މާލެ އިން ގިނަ ބަޔަކަށް ބަލި ޖެހިފައިވަތީ މިހާރު އޮތް ހާލަތު ދެމިގެންދާ ނަމަ، 4000 މީހުން އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ގާތްގަނޑަކަށް 4000 މީހުން އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ، ވަރަށް ގިނަ ބަޔަކަށް ފަރުވާ ނުދެވި ދާނެ ކަމަށް ޝީނާ ގަބޫލުކުރައްވައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި ތިބި ވަރަށް ބަލައިފައެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް ޝީނާ ލަފާކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޟމ

    ތިޔަ ހިސާބުތައް ދިމާވުމީ އުފާކޮށް އެކަން ފާހަގަ ކުރަން މި ދަނޑިވަޅު ވާހަކަ ދައްކަންވީ ކަމެއް ނޫން

    70
    9
    • އުފާ

      އުފާތަ އެކުރަނީ؟ އެ ބުނަނީ އެ މީހުން ދައްކާ ވާހަކަ ދިމާވެޔޭ. އެހެންވީމަ ދެން އެމީހުން ދައްކާވާހަކަ ވެސް ކަނުލާ އަޑުއަހާ އެ ގޮތަށް އަމަލު ކުރާށޭ. މަސައްކަތުގެ ފެންވަރަށް ތަޢުރީފު ކުރުމަކީ އުފާކުރުމެއް ނޫން.

      ކޮން މޮޔައިންނެއްތަ މި ކޮމެންޓަށް ލައިކު ދެނީ މި.

  2. ދިވެހިން

    އިރާދަކުރެއްވިއްޔާ އެކަކުވެސް މަރެއްނުވާނެ.

    104
    2
  3. ލީޒާ

    މަމީ ރާވެރިޔެއްގެ ދަރި ދަނޑުވެރިޔަކަސް މަވެސް ތަފާތު އެތައް ފަހަރަކު ރާއްޖޭގަ މިބަލި ނުފެތުރެނީސް ކީން ފަތުރުވެރިން ގެނައުން ހުއްޓާލާށޭ. ރާއްޖޭގަ ހާއްސަކޮށް މާލޭގަ މިބަލި ފެތުރިއްޖެއްޔާ މި ކޮންޓުރޯލު ނުވެ ގިނަބަޔަކަށް ޖެހޭނޭ. އަދި ބަނގުލަދޭސް މީހުން ތެރޭގަ މިބަލި ފެތުރިއްޖެއްޔާ އެއީ ވަރަށް ގޯސްވީއޭ. މިޔަދު މަބުނިތަން އައިއްސަ މިއޮތީ ދެން މާލޭން ފުރަތަމަ ކޭސްތަށް ފެނުމާ އެކީ ނޫސްތަކުގަ މަ ކޮމެންޓުކޮށް ގޮވިން ރާއްޖޭގަ ހުރިހާ އެންމެން ޓެސްޓުކުރަން ހުރިއްޔާ ހުރި ލާރިޔަކުން. އެކަމަކު އެޔަށްވެސް ރިޕްލައިކޮށް މަލާމާތް ކުރީ މީހުން. "ކަލޭ ތިހާ ޓެސްޓް ހަދާ ހިތްވަންޏާ އަމިއްލަޔަށް ގަނެގެން ހަދާށޭ" ކިޔާފަ މިޔަދު ތި ޑޮކުޓަރުންވެސް ބޭނުން ވަނީ އެންމެން ޓެސްޓުކުރަން އެކަމު ވަގުތު ފާއިތުވެއްޖެ. އެޔަށް ވުރެން ބޮޑަށް މުޖުތަމައުގަ މިހާރު ބަލި ފެތުރިފަ ހުރިކަމަށް ބެލެވެނީ ?

    65
    3
  4. ހަސަންބޭބެ

    މިފަދަ ނުރައްކާ ހާލަތުގަ މިގައުމު އޮތްއިރުވެސް އެއްބަޔަކު އެއްވެސް ޖެހިލުމެއް، ބެލުމެއްނެތި އެމީހަކަށް އަތުޖެހުނު ދިމާލަކުން ދައުލަތުގެ މާލިއްޔަތު ޖީބަށްލައި ކައި ހުސްކުރަނީ. ހިތާމައިގެ ކޮޅެއްވެސް ނެތް. މިކަނތައްގަޑުން އަރައިގަނެވޭއިރު، މިގައުމުގެ އިގްތިސާދު މިހާރު އޮތް އައިސީޔޫ އިން ކައްވަޅަށް ގެންދަން ޖެހިދާނެކަމަށް ލަފާ ކުރެވޭ

    59
    6
  5. ހުސޭނުބޭ

    އެ ހިސާބުތަކުގައި އެބައޮތް ރާއްޖޭގެ 98000 މީހުންނަށް ކޮވިޑް 19 ޖެހޭނެޔޭ! ވީމާ 98000 މީހުންނަށް އެބަލި ޖައްސާ ހިސާބުތައް ދިމާކުރަން ކަލޭމެން ގުދުބިދެންދެން މަސައްކަތްކުރާނެތަ؟ ސާބަސް އެހެންވިއްޔާ!

    43
    22
  6. މަދަދު

    ހިސާބު ދިމާކުރަންނުޖެހޭ، އަމަލުން ހަރަކާތް ތެރިވެ، އެއްލަކަ އަށް ވުރެ މަދުނުވާނެ ކިޓާ، މާސްކާ ވެންޓިލޭޓަރ ހޯދައިގެން ޗެކްކުރަންވީ، މާލެއިން ފަށާގެން، ރަށަކަށް ފަހު ރަށެއް، ގާބިލުކަން ނެތްނަމަ. ޗައިނާގެ އެހީއަށް އެދޭ!

    49
    2
  7. ތާރީފު

    ތިހެން އެއްބަޔަކު އަނެއް ބަޔަކަށް ތަޢުރީފުކޮށްކޮށް ނޫސްވެރިންގެ ބައްދަލުވުން ދެ އިރު ދެ ދަޅަށް ބާއްވަމުންދިއައިރު އޭރުވެސް ބަލި ދިޔައީ ފެތުރެމުން. އެކަން ތިޔަ ޓެގް ޓީމަށް ރޭކާވެސް ނުލާ. އޭގެ ތިން ހަފުތާ ފަހުން ރޭކާލީ ބަލި ފެތުރިގެން ގޮސްފައިވާކަން އެއްވެސް ހިލަމެއް ނެތި. އެހެން ވީމަ ވަރަށް މަސައްކަތް ކުރެއްވިޖެ އެންނު. ދެން އެސަމްޕްޝަންތަކާއި ޕޮރޮޖެކްޝަންތައް ހަދާލެވިދާނެ އެެހެން ގައުމުތަކުގެ ޓްރެންޑްސްތައް ބަލައިގެން ކޮންމެ މީހަކަށްވެސް. ދެން މި ކިއަނީ ވަރަށް މޮޅޭ ދިމާއެބަވެއޭ. ބަލަ މިތާ ރައްޔިތުންނަށް މުހިއްމީ ތި ހިސާބުތައް ދިމާވޭތީ ބެލުމެއް ނޫން. ބަލި ފެތުރުން ކޮންޓްރޯލް ކުރުން މިވަގުތު މުހިއްމީ.

    39
    6
  8. ޝައްފަ/ސ.އެފްރިކާ

    ޝީނާ އަކީ ގައުމަށް ހެޔޮ އެދޭ މީހެއް ކަމަކަށް ނުދެކެން. ގައުމަށް ހެޔޮ އެދޭ މީހުން ފާޅު ގައި އެއަޕޯރޓް ބަންދު ކުރަން ގޮވާނެ. އެކަމަށް ހިއްސާ އެއް ނުވެ ރައްޔިތުން ނެޕީ އަށް ސީ ޖެހިފައި ތިއްބާ ބޭރަށް ހިންގާ ވަރު ކޮށްލީމާ އެވީކީ މޮޅު މީހަކަށް ނޫން. މޫސަ ވެސް ފޫ ނުބެދޭ ވާހަކަ ނުދައްކާ މޫސަ ގެ މަސައްކަތް ކުރެވޭތޯ ބަލާ. އަދި މިހާތާކަށް ކުރެވިފަކާ ނެތް. 70 އަހަރުގެ އިޓަލީ މީހާ މާރޗް 10 ވަނަ ދުވަހު އޮކްސިޖަން 92 އަށް ދައްވެއްޖެ. ނަމަވެސް އޮކްސިޖަން ގުޅީ މާރޝް 11 ގައި. ޑޮކްޓަރުން ގެ ޖަލްސާ ބާއްވާ ގެންނާނެ ބޭސް ބުނެވުނީ މާރޗް 11 ގައި. ބޭސް ފޮރިން މިނިސްޓްރީގެ ކުޅަދާނަ ކަމުން ޖެހިގެން އައި 12 ވަނަ ދުވަހު ގެނެސް ދީފި. ކީއްވެ މާރޗް 10 ވަނަ ދުވަހު ބޭސް ގެންނަން ނުބުނީ. ވީމާ ތިޔަހެން އަދި ވާހަކަ އޮޅުވަން އުޅުނަސް ކާމިޔާބެއް ނުވާނެ. އަމިއްލަ އަށް އަމިއްލަ މޮޅު ވާހަކަ ދެއްކުމަށް ކިޔަނީ، "އަކަޔަންބޯ". ރާއްޖެ މިހާލަށް ދިޔައީ އިބޫ އެއަރޕޯޓު ވަގުތުން ބަންދު ނުކުރިޔަސް ހެޔޮ ކަމަށް ޝީނާ އާއި މޫސަ އާއި މެޑިކަލް އެސޯސިއޭޝަނުން އަތް އުރާލައިގެން ތިބީމާ. ދެން ސީ ތަފާލުގައި ދަނޑިން ނުތަޅާ. ބުރާނީ ގަޔަށް !!!

    26
    8
  9. ޝުސާ

    ދެން ކުޑަ ޓީޕާރޓީ އެއްވާއްވާ ތިކަން ފާހަގަ ކުރަން އޭރުން ކަލޭމެން ކަންތައް ހަމަވީ

    19
    4
  10. ބޭޗާރާ

    މަށަކީ ރޯނުއެދުރެއް. ދަންނަކަމެއްވެސް ނުދަންނަ ކަމެއްވެސް ނޯންނާނެ. ޣީބަބުނުމާއި ނެތިނުބައި ކިޔުމާއި ފަސާދަ އާންމުވެއްޖެ. ހައްގަކާއި ނުލައި މީހުން މެރުން އާންމުވެއްޖެ. ހައްދުތައް ގާއިމުކުރުން ހުއްޓިއްޖެ. އެވަރުން ނުވެގެން ބާވައިލައްވާފައި އޮތް ފޮތް ބަދަލުކުރަން ހިފައިފި. މިހިސާބަށް ގޮސް ތިމަތިމާމެންގެ އަމިއްލަ އެދުމަށް ކަންކަން ކުރަން ފަށައިފިއްޔާ ކަންކަން ހައްދުން ނެއްޓި ތިމާމެންނަށް ޚަބަރު ނޭނގޭ އެތައް ގޮތަކުން ތިމާމެންނާ ކަންކަން ކުރިމަތިވާނެއޭ އޮންނާނީ ބުނެފައި. މިއޮތީ އެދުވަސް އައިސްފައި. ދެންވެސް ފާޑުފާޑުގެ ވާހަކަ ނުދައްކައި ފަސާދަ ނުއުފައްދައި ޣީބަނުބުނެ ހަރާން ލާރި ކެއުން ހުއްޓާލާކަށް ނުވޭބާ!

    13
    1
  11. އުސައިދު

    މިވަގުތަކީ ތައުރީފް ކޮށް ހުޝާމަދު ކުރަންވީ ވަގުތެއް ނޫން..މިހިސާބަށް ދިޔައީވެސް ބައެއްގެ އިހްމާލުން އެކަމަކު މިވަގުތު އެބަޔަކު ހޯދުމަށް ވުރެއް ވެސް މުހިންމީ ހަރުކަށި ފިޔަވަޅު އަޅައިގެން ވެސް ބަލި ކޮންޓްރޯލް ވޭތޯ ބެލުން..ހުރިހާ ޚިދުމަތް ތެރިން ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ

    30
    2
  12. ޝެހެންޝާޙް

    މޫސަ އަތުގަ އޮތް ފާސް ތައް އަމިއްލަ އަށް ބުނީމާ މޫސަ ގެ ސިކުނީގެ ފެންވަރު އިނގިއްޖެ. އަމިއްލަ އަށް އަމިއްލަ ވާހަކަ ދައްކާނީ އަކަޔަންބޯ. ދެންވެސް ބައިމޭލު ގެ ދިގު ޓްވީޓެއް މީހެއްގެ އަނބިމީހަކަށް ހުޝާމަތު ކޮށް ލިޔަން ބޭކާރު ވަގުތު ހޭދަ ނުކުރޭ. ކަލެ އާއި ހަވާލު ކޮށްފައިވާ މަސައްކަތް ކުރޭ ދެންވެސް. ކަލޭ މެން ތެރެއިން ކިޔަވާފަ ތިބީ ކޮން ޑޮކްޓަރުންނެއްތޯ ކަލޭމެންގެ އަމަލާއި ކުރާ ކަންތަކުން އެބަ ހާމަ ވެގެންދޭ. އަހަރުމެންނަށް ކަލޭމެން އެކަކު އަނެކަކަށް ތީ ކާކު ކަން ބުނެދޭން ނޫޅުނަސް ކަލޭމެންގެ ފެންވަރު އަހަރުމެނަށް އިނގޭ. އެއަރޕޯޓް ބަންދު ކުރުމަށް ކަލޭމެން މެޑިކަލް އެސޯސިއޭޝަނުން ނުބުނި ސަބަބު ތިޔަ ކަހަލަ ދިގު ޓްވީޓެއްގެ ގޮތުގައި ލިޔެލަބަލަ ކެރެންޏާ.

  13. އެނގޭތަ!

    އެނގޭތަ؟ ވާން އޮންނަކަމެއް، މާނައަކީ ތަޤްދީރު ބަދަލުވާނެކަން! އާނއެކެވެ! ﷲ ގެ ޙަޟްރަތަށް ދުޢާ ކުރުމުން، ވާން އޮތްކަން ނުވެ ބަދަލު ކުރައްވަފާނެ ކަމަށް ވެއެވެ. ތަޤްދީރު ބަދަލުކޮށްލާ ހަމައެކަނި ހަތިޔާރަކީ ދުޢާއެވެ. މިރާއްޖޭގައި ކޮރޯނާ މައިތިރި ނުވެގެން މިއުޅެނީ އެކަމަށްއެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ މީހުން މަދުވީމަކަން ޔަޤީނެވެ. އެހެންކަމުން ކޮރޯނާ ނެތި ކުރެއްވެވުމަށް އެދި ކޮންމެ މީހަކުވެސް ގިނަގިނައިން ﷲއަށް ދުޢާ ކުރާށެވެ! ﷲ ރަޙުމަތުން އުންމީދު ކަނޑާ ނުލާށެވެ! އިރާދަކުރެއްވިއްޔާ މިބަލިމަޑުކަމުން ސަލާމަތްވެދާނެ އެވެ.