ކޮވިޑް-19 އާއި ގުޅިގެން، މުޅި ރާއްޖެ ފުރަބަންދުކޮށްފައިވާއިރު، މި ހާލަތުގައި މާލެއަށް އައުމަށް، ނުވަތަ މާލެއިން ފުރުމަށް ހުއްދަ ދެވޭނީ އެޗްޕީއޭއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މާލެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހަައްދު ފުރަބަންދު ކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތުމުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި މިވާ ދަނޑިވަޅުގައި، ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން، އެެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢިލް ނަވީން ވިދާޅުވީ، ފުލުހުންގެ ދޭ ހުއްދަ އަކީ، އެމީހަކަށް އެޗްޕީއޭއިން ދީފައިވާ ހުއްދައިގެ މައްޗަށް ބިނާކޮށް ދޭ ހުއްދަ އެއް ކަމަށެވެ.

"މާލެ އައުމަށްޓަކައި ހުއްދަ، ފުލުހުން ދެމުން މި ގެންދަނީ، އެޗްޕީއޭ އިން އެ ބޭފުޅަކަށް ހުއްދަ ދެއްވީމަ. އެޗްޕީއޭގެ އީއޯސީ ލީގަލް އަށް ލިޔުއްވީމަ އެ ބޭފުޅުން ހުއްދަ ދެއްވީމަ އަޅުގަނޑުމެންނަށް ހުއްދަ ދެވިގެން މި ދަނީ." ނަވީން ވިދާޅުވިއެވެ.

ރިޔާޒް އޭނާގެ އޮފިޝަލް ޓްވީޓާ އެކައުންޓްގައި ކުރި ޓްވީޓެއްގައި ވަނީ މިއަދުގެ ފަތިހު ފުރައިގެން މާލެ އާދެވިފައިވާ ކަަމަށެވެ. އަދި ތިމަރަފުށީގައި ހޭދަ ކުރި 15 ދުވަހު އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒްގެ އެ ޓްވީޓަށް އެތައް ބަޔަކު ފާޑުކިޔަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވަނީ މާލެ ފުރަބަންދުގައި އޮތް އިރު ރަށްރަށަށް ގޮސް އައިސް ހެދޭތޯ ސުވާލުކުރައްވާފައެވެ.

ނިހާދުގެ އެ ޓްވީޓްގެ ޖަވާބުގައި ރިޔާޒް ވަނީ އޭނާ މާލެ ވަޑައިގަތީ އެޗްޕީއޭގެ ހުއްދަ ލިބިގެންކަން ފާހަގަކުރައްވާފައެވެ.

ރިޔާޒް "ވަގުތަށް" ވިދާޅުވީ އޭނާ ތިމަރަފުށްޓަށް ވަޑައިގަތީ ފުރަބަންދުގެ ކުރިން ކަމަށެވެ. އަދި އަނބުރާ އަންނަން ޓިކެޓް ނަގާފައި އޮތް ދުވަހުގެ ކުރިން ފުރަަބަންދު ކުރުމުން ތިމަރަފުށީގައި ތާށިވީ ކަމަށެވެ. އަދި މާލެ ވަޑައިގަތީ އާއްމު މީހުންނާއި ވެސް އެއްކޮށް ކަމަށާއި އެ މީހުންނަކީވެސް އެޗްޕީއޭއިން ހުއްދަ ދީގެން އައި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިމަރަފުށީން އައި އިތުރު 7 މީހުން އައި އަޅުގަނޑާއި އެކު. އެއީ ވެސް ހަމަ މާލޭގައި ތިބި މީހުން. އޭގެ ތެރެއިން 5 މީހުންނަކީ 18އިގައި އަންނަން ތިބި މީހުން. އެއީވެސް އާއްމުން. އެހެންވީމަ ހުއްދަ ލިބޭ. އަޅުގަނޑު ތިމަރަފުއްޓަށް ދިޔައީ 11ގައި. 15 ވަނަ ދުވަހު އިންނާނީ ރިޓާން ޓިކެޓް. ލޮކްޑައުން ކުރުމުން 17ގައި އެޕްލައި ކުރީ. 25ގައި ހުއްދަ ލިބުނީ. 26ގައި މިއައީ. އަޅުގަނޑު އެޕްލައި ކުރީވެސް މެމްބަރެއްގެ ހައިސިއްޔަތަކުން ނޫން ރިކުއެސްޓް ކުރީ ވެސް ކޮމްޕެނީ ނަމުގައި." އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 177 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 75 ދިވެހިންނާއި، 102 ބިދޭސީންނެވެ. އަދި މީގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޒިމްޒިމް

  އެހެންވީމަ ޙާމިދު ސާލިހްއަށް ވެސް އާދެވެންޖެހޭނެ.. އޭނަވެސް މާލެ ދިޔައީ ލޮކްޑައުންގެ ކުރިން މިހާރު ނާދެވިގެން އެއުޅެނީ ނައިފަރަށް.. އޭނަ ބަލަހައްޓަމުން ގެންދާ އެތައް ސަތޭކަ ބަކައްޓެއް އެތިބީ ރަގަޅަށް އަޅާނުލެވި ބިދޭސީމީހާ ހިތަށްއެރި ގަޑިއަކު ކާންދެނީ.. ރިޔާޒްއަށް އަށްވުރެ ހުއްދަދިނުން ޙައްޤީ ޙާމިދުއަށް. އަދި މިއީ އޭނަ ކާންބޯންކުރާ މަސައްކަތް..

  15
 2. އައިޝް

  އެހެންވިއްޔާ މާލޭގަ ތިބި ރާއްޖެތެރޭ މީހުންނަށް މާލެ ނުދެވިގެން މި އުޅެނީ ކީއްވެގެންތޯ؟؟ ރިސޯޓް ތަކުގަ 14 ދުވަހު ތިބެފަ ރަށަށް ދާން މާލެ އައިދުވަހު މާލެ ލޮކްޑައުން ކޮށްގެން ރަށް ނުދެވިފަ ތިބި ރިސޯޓް މުއައްޒަފުންނަށް އޮތީކޮން އުސޫލެއްތޯ؟ ކަރަންޓީން ކުރަންވިއަސް ރަށުގަ އައިސޮލޭޝަންގަ ބައިތިއްބަންވިއަސް އެމީހުން ނުގެނަނީ ކީއްވެގެންތޯ...މުސާރަ ނުލިބޭގޮތަށް ގިނަ މީހުން އައިސްތިބީ..ކޮންމެ މީހަކީ ރުފިޔާ ލިބޭނެ އިތުރު މަސައްކަތެއް ކުރާ ބައެއްނޫން.ލިބިފަ ހުރި ރުފިޔާކޮޅު ހުސްވަނީ..ކުއްޔަށް ތަންތަން ހިފައިގެން އޯޑަރަށް ކާތަކަެތި ގެނެސްގެން ކާންވަނީ..އެމީހުންނާއި ދޭތެރެ ކަންތައް ކުރައްވަނީ ކިހިނެއްތޯ..ކިތައް މީހުންތޯ އެތިބީ..އޭރުވެސް މިހާރުވެސް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާންތިބެނީ އެއްކަލަ ރިސޯޓް މުއައްޒަފުން.. ރިސޯޓުގަ 14 ދުވަސް ..ކީއްތަވާނީ އެންމެ ފަހަރަކުވެސް އެމީހުންނާއި ދޭތެރެ ވިސްނާލިއްޔާ..ކޮންމެ އަތޮޅެއްގެ ކަރަންޓީްނ ފެސިލިޓީއެއް ހެދިފަވާވަހަކަ ބުނޭ. ސިޔާސީ މީހުން ރަށްރަށުގެ ތިބީމަ އެމީހުންނަށް ތި ޤަވާއިދު ހެދިހެން މާލެގެ ތިބި ރާއްޖެތެރޭގެ ދެރަ ނިކަމެތި މީހާއަށް ތި ޤަވާއިދު ނުހަދަނީ ކީއްވެގެންތޯ..އަތުން ހިފާ ރުފިޔާތަކެއް ސަރުކާރަށް ނުދެވުނަށް އެވެސް ދިވެހި ރައްޔިތުން.

  18
 3. ސާބަސް

  ތިޔައީ ދިވެހި ދަރިއެއް.ތިގޮތުގަ ހުރޭ.

  1
  6
 4. އައްޑޫ ލެއި

  އައިޝް ގެ ވާހަކަޔައް ތާއީދު. އެކަމަކު އެކަމަކު މަށަށް ހީވަނީ ސަލާމަތުން ހުއްޓާ އެއްވެސް މީހަކު ރަށަށް ނުފޮނުވާނެހެން. ރަގަޅަށް ތިބި މީހުންވެސް ހަލާކު ކުރަން ވެގެން ގޮތްނޭގޭމީހުންގެ ތެރެޔައް ވައްދައިގެން އުޅެނީ.

 5. ިހިޔާލު

  ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!

 6. ޢަލިބެ

  އެޗްޕީއޭ އަކީ އެކިމީހުންނަށް އެކިގޮތަށް ކަންކުރާތަނަކަށް މިވީ. މޮޅުމީހާއަށް މޮޅުގޮތް. ދެރަމީހާ ނިކަމެތިޙާލަށް ދޫކޮށްލަނީ. އެޗްޕީއޭއަށް އެނގެނީތަ ބަލިޖެހޭނެމީހުން.

 7. ދިދަ ދަނޑި

  ހުއްދަ ވެސް ލިބޭނީ ދަތުރުވެސް ކުރެވޭނީ ވަކިބަޔަކަށް.. އެޗް ޕީ އޭ ވެސް ތީ ވިކިފަ ވަކިބަޔަކު ބުނާ ގޮތަށް ކަންކުރާބައެއް.. އަންހެނުން ވިހަން މާލެ ނުގެނެވިގެން ރަށަށް ދާންވެސް ހުއްދަނުދިން.. ވަކި ފެންވަރެއްގެ ބަޔަކު ކުޅިވަރު ކުޅެން ރަށްރަށަށް ދުވަން ހުއްދަދެވޭ..

 8. ދިދަ ދަނޑި

  ހުއްދަ ވެސް ލިބޭނީ ދަތުރުވެސް ކުރެވޭނީ ވަކިބަޔަކަށް.. އެޗް ޕީ އޭ ވެސް ތީ ވިކިފަ ވަކިބަޔަކު ބުނާ ގޮތަށް ކަންކުރާބައެއް.. އަންހެނުން ވިހަން މާލެ ނުގެނެވިގެން ރަށަށް ދާންވެސް ހުއްދަނުދިން.. ވަކި ފެންވަރެއްގެ ބަޔަކު ކުޅިވަރު ކުޅެން ރަށްރަށަށް ދުވަން ހުއްދަދެވޭ..ލޮކްޑައުންގަވެސް އެކަނި އުޅޭ މީހަކަށް ރޯދަވީއްލާނެ އެެއްޗެއް ދޭން ނުކުތީމަ 1000 ރުފިޔާއިން ޖޫރިމަނާ، އެކަމު މިނިސްޓރުންނަށް ނުކުމެވޭ ހަވީރު ފިނިބުރުޖަހަން... މީ ބޮޑުވެއްޖެ ކަމެއް...

 9. އާދަމުގެދަރި

  ފުލުސް އޮފީސް: ތިޔަކަމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއަށް. އެޗްޕީއޭ: ތިޔަކަމުގެ ހުއްދަ ދެވޭނީ ސިފައިންނަށް. ސިފައިން: ތިޔަކަމުގެ ހުއްދަ ދެވޭނީ ދަރުބާރުގެއިން. ދަރުބާރުގެ: ތިޔަކަމުގެ ހުއްދަ ދެވޭނީ މަބުރޫކަށް. މަބުރޫކު: ތިޔަ ކަން އޮންނާނީ މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައި. މާލޭ ސިޓީ ކައުންސިލް: ބަލިމަޑުކަން ބެލުމަކީ މިތަނަކާ ބެހޭ ކަމެއް ނޫން. ބަޔަކު ބަލިވެގެން ބަލިމަޑުކަމެއް ތަނެއްގައި އޮތްކަމެއް ނުދެނަހުރިން. ވަލްހަމްދުލިއްލާހި.

 10. މިއަދު

  ދެރަމީހައަށް ދެރަގޮތް ނިކަމެތިމީހާ ހަނާވުން މުއްސަދިން ލާޗާރު ބިޗާރަށް މިއީ ޒީރޯ ޓޮލަރަންސްގެ ދިވެހިގޮތް

 11. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  މިހިނދުން މިހިނދަށް ސަލާމަތީ ބާރުތަކުން ޤައުމުގެ ކަންކަމާއި ޙަވާލުވެ ވަޑައިގަންވަންވީއެވެ. ނިކަމެތި ރައްޔިތުންގެ ކަންކަމާއި ޙަވާލުވާނެ ވެރިޔަކު އިންތިޚާބު ކުރެވެންދެން އަމާނާތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ރައްޔިތުންގެ ކަންކަން ބެލެހެއްޓޭނީ ވެސް ސަލާމަތީ ބާރުތަކުގެ ބޭކަލުންނަށާއި ސަލާމަތީ ބާރުތަކުގެ ކަނބަލުންނަށް ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. މިޤައުމު ސަލާމަތުގެ އައްސޭރިއަށް ވާޞިލް ކުރައްވާނދޭވެ! ވަލްޙަމްދުލިﷲ.