ކޮވިޑް-19 އާއި ގުޅިގެން ރަށް ކަރަންޓީންކޮށްފައި ވަނިކޮށް، މަސްބާނަން ދިޔަ ދެ މީހުން މާފަރުން ހައްޔަރުކޮށްފިއެވެ.

އެމީހުން ހައްޔަރު ކޮށްގެން މިހާރު ވަނީ އެ އަތޮޅު މަނަދުއަށް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، މާފަރު ކައުންސިލްގެ ރައީސް، ޢަބްދުލްމާޖިދު ޢަލީ ވިދާޅުވީ، އެޗްޕީއޭގެ ހުއްދައަކާއި ނުލާ ރަށުން ފުރުމަކީ މަނާކަމެއް ކަމަށް އަންގާފައި ވަނިކޮށް، މިއަދު ހަވީރު، ރަށުން ފުރައިގެން މަސްބާނަން ދިޔަ ދެ މީހުން، ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އަމާޒު ބޯޓުގެ ދަތުރާއި ގުޅިގެން، މި ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނައީ. އެ ހިސާބުން ފެށިގެން އަޅުގަނޑުމެން އަންގަމުން ދިޔައިން އެ މަޢުލޫމާތުތައް. އަދި އެޗްޕީއޭގެ ހުއްދަނެތި ރަށުން ނުފުރޭނެ ކަންވެސް އާއްމުކޮށް ވާނީ ހުރިހާ ރައްޔިތުންނަށް އަންގާފަ. މިރޭ 9:15 އެހާއިރު މޮނިޓަރުންގެ ޙާލަތުން ރަށް ނަގާފައި ވަނީ. އަޅުގަނޑު ތަކުރާރުކޮށް ނަޞޭހަތްތެރިވަން، މި ޙާލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ހުރިހާ ރައްޔިތުންގެ ބޯލަނބާ ކިޔަމަންވުމަށް." މާޖިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަރަންޓީންކޮށްފައިވާ ނ.މިލަދޫ އިން ފުރި ހަތަރު މީހަކުވެސް މިރޭ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، މިލަދޫ ޓާސްކް ފޯސް އަދި މިލަދޫ ޑެސްކް ފުލުހުންނަށް ވެސް ސިއްރުން މިލަދޫން ފުރައިގެންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު މެންދުރު 3:58 ހާއިރު މި މީހުން ހައްޔަރުކޮށްފައިވާއިރު، މި މީހުން ހައްޔަރުކޮށްފައި ވަނީ އަނބުރާ މިލަދޫ އަށް އައިސް ފަޅަށް ވަންތަނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އުމުރުން 30 އަހަރާއި، 36 އަހަރާއި، 38 އަހަރު އަދި 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓީމް ބުލޯ

    މާފަރު ޓާސްކްފޯސް ފެއިލްވެފަ