ކޮވިޑް-19 އާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލ. ފޮނަދޫ ގެއެއް ކަރަންޓީނުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެގެ ކަރަންޓީނުކުރީ މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތަކެއް ފެނިގެންނެވެ.

އެގެޔަށް އެޗްޕީއޭއިން މިއަދު ފޮނުވާފައިވާ ލިޔުމުގައި ވަނީ، އެގެ ކަރަންޓީނުކޮށްފައި ވަނީ ސިއްޙީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.

މިއަދު ހަވީރު 4:38 އިން ފެށިގެން އިތުރު އެންގުމެއް އަންގަންދެން އެގެ ކަރަންޓީނު ކޮށްފައި ވާއިރު، އެގޭގައި ތިބި އެއްވެސް ބަޔަކު ވަކި ގޮތެއް އަންގަންދެން ތަނުން ބޭރަށް ދިޔުމާއި ހުއްދަނެތި އެއްވެސް މީހަކު އެތަނަށް ވަނުން ވަނީ މަނާކޮށްފައެވެ.

"އެފަދައިން އެކަން ހިނގާނެ ގޮތެއްގެ މަތިން ތިޔަ ތަނުގެ އިންތިޒާމުތައް މި ހިނދުން ފެށިގެން ހަމަޖެއްސުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ތަނުގެ ވެރިފަރާތަށް އަންގަމެވެ." އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ތަންތަން ކަރަންޓީނުކޮށްފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 541 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން އުމުރުން 83 އަހަރުގެ ދިވެއްސަކު މަރުވެފައި ވެއެވެ.