ކޮވިޑް-19 އާ ގުޅިގެން ބިދޭސީންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަރަންޓީން ފެސިލިޓީއެއް ހަދައިފިއެވެ.

އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރި އިމާރާތް ބައެއް ބަދަލުތަކާ އެކީގައި ބިދޭސީންނަށް ހާއްސަ ކަރަންޓީން ފެސިލިޓީއަކަށް ހަދައި ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ އިމާރާތުގައި 667 އެނދު ބަހައްޓާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކަރަންޓީން ފެސިލިޓީގައި ފާހަނާ ބަރިތަކަކާއި ފެން ވަރާނެ ތަންތަން ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފާހަނާ ބަރީގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ފެޑޯ ކުންފުނިން ނިންމާލާފައިވަނީ 10 ދުވަހުގެ ތެރޭގައި ކަމަށެވެ.

ހުޅުމާލޭގައި ހެދި ކަރަންޓީން ފެސިލިޓީ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާ އިރު، ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައެވެ. އެހެންވެ، ތޮއްޖެހިގެން އުޅޭ ބިދޭސީން އެއަށް ވުރެ ފެންވަރު ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.

އަދި ހުޅުމާލެ އާއި ގުޅިފަޅު ފަދަ ތަންތަނުގައި މިހާރު ދަނީ ކަރަންޓީން ފެސިލިޓީތައް ގާއިމު ކުރަމުންނެވެ.

ދިވެހި ގައުމާ މުހާތަބް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ ފެތުރުން ކޮންޓްރޯލް ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ބިދޭސީން ތޮއްޖެހިގެން ދިރިއުޅުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގުޅިފަޅާއި ހުޅުމާލެ އާއި ވިލިވަރުގައި ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި އެ ތަންތަނަށް 3،000 މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން މި ބަލީގައި ބަޔަކު ފައްސިވަމުން ދިޔަ ކަމުގައި ވިޔަސް، ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ކޮންޓްރޯލް ގެއްލިގެން ނުދެއެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 551 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. މި ބަލީގައި ރާއްޖެ އިން ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާލެ

    ހުރީ ކުނާ ގޮދަޑި ބިލުހަދާނީ އެއްމެމޕޅު ރެސްޓޮލެކްސް ގޮދަޑީގެނަމުގަ ތިބޭނީ އަޑިން ގުޅިފަ

    20
    3
  2. ޝަމްިން

    ބިދޭސީން ކަރަންތީނު ކުރަން ދާފައިސާ އައް އެމީހުން އުފުލައިގެން ގެންދާނެ އާގުބޯޓެއް ހަޔާކޮއްގެން ފޮނުވާލިއްޔާ މާ ޚަރަދުކުޑަވެދާނެހެން އެބަހީވޭ..

    22
    1
  3. ޢައްޗި

    ހާދަ ތުނި ގޮދަޑިއެއް ، ކިތައް މިލިއަން ދުއްވާލި

    17
    1
  4. ފައްލަންބޭ

    ޤައުމަށް ލިބުނު ހުރިހާފައިސާއެއް ބަންގާޅީންނަށް ޚަރަދުކޮށް ހުސްކޮށްފި، ދިވެހިން ބިކަވަނީ، އާމްދަނީ ލިބޭނެގޮތެއް ނެތް. ދަނޑުވެރިކަން ކުރާނެ ބިމެއްނެތް ފަޅުރަށްތައް ވަރުވާއަށް ދީފައި ހުރީ.

    19
    1
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބައެއްގެ ބިމުގަ އެމީހުން ބޭނުންވި ކުލަތައް ބޭނުންކޮށްގެން އެމީހުންގެ އޮފީސް އިމާރާތް ސަރުކާރުން ފުރިހަމަކޮށްދީ ނިންމާދީފި. ސުވާލަކީ މިބިމުގެ ވެރިފަރާތުން ސަރުކާރަށް އެއްވެސް އެހީތެރިކަމެއް ތިކަމުގަވިތޯ؟ ވިނަމަ ކުރިހަރަދަކީ ކޮބައިތޯ އާއި، ދައުލަތުން ކުރި ހަރަދަކީ ކިހާވަރެއްތޯ؟ ވެރިފަރާރުން އެހީނުވާނަމަ، މިކަން ނިމުނީމަ ތިކުރި ހުރިހާ މަސައްކަތެއް ރޫޅާލަންޖެހޭ. ދައުލަތުން ތިކުރި މަސައްކަތުގެ އަގު ވެރިފަރާތުން ދައުލަަށް ދައްކަންޖެހޭ. އެހެންނޫނި ތިވާނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކަށް މާލީފައިދާއެއް ހޯދަދިނުމަށް ކުރި މަސައްކަތަކަށް.

  6. މަސީހު

    ބަންގްލަދޭސް މީހުންގެ ތިބޭނެ ތަންތަންވެސް ދޭމެވާނެ ނަމަވެސް މިހާރުހިންގަމުންދާ ކަންކަމައްބަލާއިރު ބޮޑައްވައްތަރީ ވިޔަފާރިޔަކާ

  7. މަޒް

    ބިދެސީން ރާއްޖެ އައިސް ގަސްދުގައި ޕާސްޕޯޓު ގެއްލުވާލާ އެމީހުން އައީ ކޮންތާކުންކަން ނޭން ވަރަށް އެމީހުންގެ އަސްލު އޮޅުވާލަ ދިވެހި ރާއްޖޭން ނެގެން އޮތް ފައިދާއެއް ނަގަމުން ދަނީ.. މި މީހުން ރާއްޖެ އައުމުން ސަރުކާރުގެ ބަލުމުގެ ދަށުގައި އެމީހުންގެ ޕާސްޕޯޓް ބާވަން ފެނޭ.. އޭރުން އެމީހަކު ފޮނުވާލަންވީމަ ވަރަށް ފަސޭހަވާނެ..