ވަޒީފާއާއި ބެގޭ ގާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ރޯދަ އިނާޔަތްތައް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޯ) އިން އެދެފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާން މަހުގެ އިނާޔަތް ދެމުން ނުދާކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރަމަޟާން މަހުގައި ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ގޮތުގައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް ދިނުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގެ ދަށުން ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިން ހާސް ރުފިޔާ ދޭން ޖެހޭނެއެވެ. ނަމަވެސް އަދި އެމާއްދާގެ (ނ)ގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަ ޢިނާޔަތް ދިނުމަކީ އިހުތިޔާރުގައިވާ ކަމެއް ކަމަށެވެ.

51 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ޕަބްލިކް ސެކްޓާ ގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދެވޭނެ އިރު ގާނޫނުގައި ބުނެފައި ވަނީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ ކުރިއަަށް މިދާ މެއި މަހުގެ 15 ވަނަ ދުވަހު ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު