ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، ރާއްޖެ ގެންނަން ނިންމި 200 ވެންޓިލޭޓަރުގެ ތެރެއިން މިއަދު އިތުރު 10 ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި މިހާރު ހުރި ވެންޓިލޭޓަރުތަކުގެ އަދަދު ވަނީ 129 އަށް އަރާފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ އަދި ނޭޝަނަލް އެމާޖެންސީ ރެސްޕޮންސް ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ދުބާއީ ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރެއް މިއަދު އައިސްފައިވާ ކަމަށެވެ.

މީގެ ކުރިން މެއި 10 ވަނަ ދުވަހު ރާއްޖެއަށް ވަނީ 18 ވެންޓިލޭޓަރު ގެނެސްފައެވެ.

ރާއްޖެ ގެންނަން ނިންމި 200 ވެންޓިލޭޓަރުގެ ތެރެއިން މި މަހު 38 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވަނީ ވިދާޅުވެފައެވެ.

އަމީން ކުރިން ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ދަތިތަކެއް ހުރީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކުރެވިފައިވުމާއި އެތަކެތި އުފައްދާ ކުންފުނިތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

ރާއްޖެއަށް 50 ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކް އާއި ޙަވާލުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކުންފުންޏާއި މިކަން ޙަވާލުކޮށްފައި ވަނީ 14 މިލިއަން ރުފިޔާއަށެވެ. މި ވެންޓިލޭޓަރުތައް ގެންނަނީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ. މެއި 10 ވަނަ ދުވަހު ގެނައި 18 ވެންޓިލޭޓާރަކީ އެ ކުންފުނިން ރާއްޖެ ގެނައި ވެންޓިލޭޓަރުތަކެވެ.

ރާއްޖެއަށް އިތުރު ވެންޓިލޭޓަރުތައް ގެނައުމަށް މެޑްޓެކްގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް އާއިވެސް ޙަވާލުކޮށްފައި ވެއެވެ. އެ ކުންފުންޏަށް 26 ވެންޓިލޭޓަރު ގެނައުމަށް ވަނީ ޙަވާލުކޮށްފައެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ ރާއްޖެއަށް އިތުރު 200 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އިތުރަށް ވިދާޅުވީ، އައިސީޔޫ ފެސިލިޓީތަކަށާއި، އައިސޮލޭޝަން ފެސިލިޓީތަކުގެ ހުރިހާ އެނދެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޕީޕީއީ ސެޓްތައް އެބަ ހުރި ކަމަށާއި، އަދި ހުރިހާ ހެލްތް ފެސިލިޓީއަކަށްވެސް ޕީޕީއީ އިތުރު ސެޓްތައް ފޮނުވުމަށްޓާކައި ހެލްތް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ފާހަގަކުރެއްްވިއެވެ.

ކިޔުންތެރިންގެ ހިޔާލު