ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 109 އަށް އަރައިފިއެވެ.

މިއަދާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މި ބަލިން ރަނގަޅުވެފައި ވަނީ 104 މީހެކެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިތުރު ފަސް މީހުން ރަނގަޅުވެ ޖުމްލަ އަދަދު 109 އަށް އަރާފައިވާ ކަމަށެވެ. ނަމަވެސް ބަލިން ރަނގަޅުވި ފަސް މީހުންގެ މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ.

އިތުރު ފަސް މީހަކު ބަލިން ރަނގަޅުވިއިރު މިއަދުވެސް ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވީ 58 މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 39 މީހަކާއި އިންޑިއާ މީހެއް ކަމަށެވެ.

މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1274 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި 452 ދިވެއްސަކު ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 822 މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ނިޔާވެފައި ވެއެވެ.

ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިރަށް މާލެއިންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އެ ސަރަޙައްދުގައި ވަނީ ރައްޖާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅައި ފުރަބަންދުކޮށްފައެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު