ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މި ބަލިން ރަނގަޅުވެފައި ވަނީ 109 މީހެކެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިތުރު 18 މީހުން ރަނގަޅުވެ ޖުމްލަ އަދަދު 127 އަށް އަރާފައިވާ ކަމަށެވެ.

އިތުރު 18 މީހަކު ބަލިން ރަނގަޅުވިއިރު މިއަދުވެސް ރާއްޖެއިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވީ 39 މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާ ހަތް މީހެއްގެ އިތުރުން ލަންކާ މީހެކެވެ.

މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1313 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިރަށް މާލެއިންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އެ ސަރަޙައްދުގައި ވަނީ ރައްޖާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅައި ފުރަބަންދުކޮށްފައެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު