މިހާރު ފެތެރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ތައިލެންޑުގެ އިތުރު ބަޔަކު ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ފުރައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓު މިއަދު ތައިލެންޑަށް ފުރާފައި ވަނީ 15 މީހުންނާއި އެކުއެވެ. އެ ބޯޓު ދެން ޖެއްސުމަށް ހަމަޖެހިފައި ވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. ކޮލަމްބޯއިން އެ ފްލައިޓަށް އިތުރު 63 މީހަކު އަރުވާނެ ކަމަށް ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ވަނީ ހާމަކޮށްފައެވެ. އަދި މި ފްލައިޓަކީ ޗާޓާޑް ފްލައިޓެއް ކަމަށްވެސް ކޮންސިއުލޭޓުން ހާމަކުރެއެވެ.

ރާއްޖެއިން ތައިލެންޑަށް މިހާތަނަށް ވަނީ 349 މީހަކު ފޮނުވާލައިފައެވެ.

އެންމެ ފުރަތަމަ ތައިލެންޑަށް މީހުން ފޮނުވާފައި ވަނީ މީގެ ދެހަފްތާއެއް ކުރިންނެވެ. އެ ދަތުރުގައި ވަނީ އެގައުމުގެ 131 މީހަކު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ކޮށްފައިވާ ދަތުރުގައި ވަނީ 148 މީހަކު ގައުމަށް ފޮނުވާލައިފައެވެ. މިއީ ތައިލެންޑަށް މީހުން ފޮނުވާ ތިންވަނަ ފަހަރެވެ.

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުންނާއި އެހެނިހެން މީހުން ގައުމަށް ގެންދިއުމަށް ހާއްސަ ފްލައިޓުތަކެއް ސަރުކާރުން ވަނީ ބާއްވަން ފަށައިފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު، ގައުމަށް އެނބުރި ފުރައިގެން ދާން ބޭނުންވެފައިވާ އެތައް ބަޔަކު ރާއްޖޭގައި ތާށިވެފައި އެބަތިއްބެވެ. ބައެއް ގައުމުތަކުންނާއި ދިވެހި ސަރުކާރު ގުޅިގެން އަންނަނީ އެފަރާތްތައް އެނބުރި ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު