މިއަދާއި އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 89 އަހަރުގެ މީހަކާއި 11 ދުވަހުގެ ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. މިއީ ދެދިވެހިންނެވެ.

އެހެންކަމުން މިއީ ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި އުމުރުން އެންމެ ދޮށީ މީހާ އާއި އެންމެ ހަގު ކުއްޖާ އެވެ.

އުމުރުން ދުވަސްވީ އަންހެން މީހާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑްގައި ބުނެފައި ވަނީ މިއަދު އެވެ. ތުއްތު ފިރިހެން ކުއްޖާ ފައްސިވީ އިއްޔެއެވެ. އިއްޔެ ފައްސިވި މީހުންގެ ތެރޭގައި 6 މަހުގެ ކުއްޖަކު ވެސް ހިމެނެއެވެ.

ނަމަވެސް މިއިން އެއްވެސް މީހަކާއި، ކުރިން ކޮވިޑް-19 އަށް ފައްސިވި މީހުން ނިސްބަތްވާ އެއްވެސް ކްލަސްޓާއަކާއި ގުޅުން ހުރިކަމަކަށް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވި އެންމެ އުމުރުން ދޮށީ މީހާ އާއި އެންމެ ހަގު ކުއްޖާގެ ހާލު ވެސް ރަނގަޅެވެ.

ރާއްޖެ އިން މިހާތަނަށް 1513 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އަދި މިހާތަނަށް ބަލިން ރަނގަޅުވީ 197 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ނުދިޔަ ނަމަވެސް މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދިނުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ. މާދަމާ އިން ފެށިގެން މި ލުއިތައް ދެމުން ގެންދާނެއެވެ. އަދި ކުރިއަށް އޮތް ދެހަފްތާ ދުވަހު ބެލުމަށްފަހު އިތުރު ލުއިތައް ވެސް ދޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙެެހުސް

    ސަޅި އިންގޭ ތިއޮއް ޞަލިޖިހޭ ގޮތެއް ދޯ..ހާދަ ޙިނި ޢާދޭ ..ކަލޯ މީހަކާ ދިމާ ނުވިއަސް ކޯވިޑް
    ޙަހަހަހަހަހަހަހަ މަޙީހީ ޙަލާކު ކަލޯ....ޓެސް ކިޓުތަކައްވެސް ކޮވިޑް ޖެހިފަ...ހަހަހަހަހާ ބޮޑު ޖޯކެ ދޯ ހަހަހަ

  2. އެމަންޖެ

    އަޖައިބުވެ ލޮކުޑައުންއެއްގަ އޮތްއިރުވެސް ބަލި މިވަރަށް ފެތުރެމުންދާތީ.

  3. ރޯދަ މުބާރިކް

    މި އީ ޖޫން/ޖުލައި، ރާއްޖޭގެ ހުޅަނގު މޫސުން، ރޯނގާ ފެތުރޭ ދުވަސްވަރު، ތިމާ، ތިމާ އަށް ނުލި އަޅާލުމެއް އެހެން މީހަކު އަޅާލާނެ ކަމަށް ނުވިސްނަވާ، ވަރިހަމަ ޢެޗްޕީއޭ އަކަސް އަދި އެހެން ފަރާތަކަސް، އަޅަ އެއް ނުލާނެ! ބަލައިގެން އުޅުއްވާ!