ރާއްޖޭގައި އުމުރުން 92 އަހަރުގެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މީހާއަކީ ރާއްޖެއިން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވި ވޭދަނަ (ކޭސް) ތަކުގެ ތެރޭގައި ހިމެނޭ މީހެކެވެ.

މިއީ ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި އުމުރުން އެންމެ ދޮށީ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވިގޮތުގައި ރޭ ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 92 އަހަރުގެ މީހާއަކީ ދިވެހި ފިރިހެނެކެވެ. އޭނާއަށް ބަލި ޖެހިފައިވަކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ނަމަވެސް މި މީހާ، ކުރިން ކޮވިޑް-19 އަށް ފައްސިވި މީހުން ނިސްބަތްވާ އެއްވެސް ކްލަސްޓާއަކާއި ގުޅުން ހުރިކަމަކަށް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވި އެންމެ އުމުރުން ދޮށީ މީހާގެ ހަލު ރަނގަޅެވެ.

މި މީހާ ހިމެނޭހެން ރޭ ރާއްޖެއިން ކޮވިޑް-19 ގެ އިތުރު 34 ވޭދަނަ ފެންމަތިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާ މީހެކެވެ. މިއާއެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1547 އަށް އަރާފައެވެ.

އިއްޔެއަކީ ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ދެ ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު