ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑު 54 މީހުން އެބަތިބި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިރޭ އެންއީއޯސީ އިން ކޮވިޑް-19 އާއި ގުޅުންހުރި އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ދިގު މުއްދަތުގެ ބަލިތަކަށް ބޭސް ކުރަމުންދާ 54 މީހަކު ހިމެނޭ ކަމަށެވެ. މިއީ ބަލީގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

މަބްރޫކް ވިދާޅުވީ ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މި 54 މީހުންނަކީ އެކަމުގެ ސަބަބުން މިބަލީގެ ނުރައްކާތެރިކަން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ މީހުން ކަމަށެވެ. އަދި އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ ކޮލެސްޓްރޯލް ހުންނަ މީހަކު ހިމެނޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި އުމުރުން 65 އަހަރަށްވުރެ ދޮށީ 21 މީހަކާއި 10 އަހަރު ނުފުރޭ 43 ކުއްޖަކު ހިމެނޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 13 މީހަކަށް ކަމަށާއި، އެ އެންމެންނަށްވެސް ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އަދި މީގެ ތެރެއިން ދެ މީހަކު ތިބީ އައިސީޔޫގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދަކީ 1672 އެވެ. އަދި ބަލި ރަނގަޅުވި މީހުންގެ އަދަދު ވަނީ 401 އަށް އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަނޭ

    މިފަދަ ނުރައްކާތެރި ދަޑިވަޅެއްގައި ސަރަކާރުގެ އޮފީސްތަށް ހުޅުވުމުގެސަބަބުން ކޮންމެގެއަކުގައިވެސްތިބޭ މުސްކުޅިންނަށްވަރަށްނުރައްކާވާނެ. މީކުރަންހިޔޮވާވަރުކައެއްނޫން. ދިވެހިރަތްޔަތުންތަކެއްމަރުވެދާނެ. ގިނަބަޔަކަންޖެހުމުންގިނަބަޔަކުމަރުވަނީ. ސަރަކާރުމިދިވަސްކޮޅުހުޅުވައޮގެން ވާނެއްވެސްފައިދާއެއްނެތް. ކުރިންކަންކަންވެފަހުރިގޮތުގެ ތަޖުރިބާ ކުޑަކޮށްހުރިބަޔަކުވެސްނުކުރާނެ މިފަދަކަަމެއް.

    11
  2. ހަދާންބަހައްޓައްޗެވެ

    ޓްރީޓޮޕް ހޮސްޕިޓަލުގަ ބައިތިއްބައިގެން ފަރުވާ ދޭނެ މީހުންނާއި ފަރުކޮޅުފުށީގައި ބައިތިއްބައިގެން ދެއިރު ދެދަޅައަށް ޕްރެޝަރު ޗެކްކުރާނެ މީހުން ކަޑައަޅަނީ ކޮންފަރާތަކުން ބާވައެވެ. ބާރާއި ނުފޫޒުހުރި މީހުން ބޭނުން ގޮތަކަށް މިއަދު ކަން ކުރިޔަސް މިނޫންދުވަހެއް ވެސް (ގަބޫލުކުރިޔަސް ނުކުރިޔަސް) އަންނާނެއެވެ. ހަދާންކޮށްލައިގެން ތިބެއްޗެވެ!

  3. އެތަނުންސަލާމަތްވިމީހާ

    ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 65 އަހަރުން މަތީގެ ކިތައް މީހުން ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާ ދިނުމުގެ ބަދަލުގައި ފަރުކޮޅުފުށީ މަދިރި ހާލީގައި ބައިތިއްބާފަ އެބަތިބިތޯ ނޫސްވެރިން ތަރުޖަމާނު ގާތުން އޮޅުންފިލުވާލެއްވުން ރަނގަޅު.

  4. ހަސަނާ

    އަހަރެން މީ އުމުރުން 60 އަހަރުވެފައިވާ މީހެއް. އެސްޓީއޯ ފާމަސީގައި އެތިބޭ އަނގައިންމެޓާ މީހުން ބޭހެއް ނުދޭ ހުއްޓަސް. ވާވަރަށް އެބަހުއްޓޭ ބުނަން ބަހައްޓާފަ ހުންނަނީ. މިއަދު އަންގައިފި މަގޭ ހަގު ސޮރަށް އޮފީހަށް ނިކުންނަން. މަޖުބޫރު. ނޫނީ ވަޒީފާ ގަނޑު ދިޔައީ . އަހަރެން 40 އަހަރު ދުވަހު ސަރުކާރަށް ހިދުަތް ކުރީމާ ލިބެނީ ޕެންސަނަށް 2000 އެއިން ކިހިނެއް އުޅޭނީ؟ ނޫނޭ މިއޮތީވާ ގައުމެއް. މިއޮތީވާ ސަރުކާރެއް. ސާބަހޭ އަދިވެސް ކައުންސިލް އިލެކަސަނަށް ރީދުލަށް ވޯޓުދޭތި ހޭކެނޑިގެން ގޮސް.