ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 406 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އިއްޔެ ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ.

ރާއްޖެ އިން 1672 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 1259 މީހުންނަށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުނު ފަހުން އަދިވެސް ކޮންްމެ ދުވަހަކު ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވަމުންނެއް ނުދެއެވެ. އިއްޔެ އެކަނިވެސް 76 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް މިހާރު ފައްސިވާ ގިނަ މީހުންނަކީ ކްލަސްޓާތަކާއި ގުޅުން ހުރި މީހުން ކަމަށް ވާތީ އާއި، ފައްސިވާ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުން މަދު ކަމަށް ފާހަގަ ކުރެވޭތީ، ހާލަތު އިތުރަށް ގޯސްވަމުން ނުދާކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އިން ރަނގަޅު ވެއްޖެތޯ ބަލަން ރާއްޖޭގައި ކުރިން ޓެސްޓް ހަދަމުން ގެންދިޔައީ އަލާމާތްތައް ފެނުން ހުއްޓޭތާ 14 ދުވަސް ފަހުންނެވެ. ނަމަވެސް މިހާރު ޓެސްޓް ކުރަނީ 21 ދުވަސް ފަހުންނެވެ. ކޮވިޑް-19 އިން ރަނގަޅު ވެއްޖެ ކަމަށް ނިންމަނީ ދެ ސުންކު (ސާމްޕަލް) ވެސް ނައްސި (ނެގެޓިވް) ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު