ލަންކާގެ ކޮލަމްބޯގައި ކުރިޔަށްދާ ސައުތް އޭޝިޔަން ޖޫނިއާ އަތްލެޓިކްސް ޗެމްޕިއަންޝިޕުގެ ފިރިހެން ހަތަރު ގުނަ ސަތޭކަ މީޓަރު ރިލޭ އިން ރާއްޖެ ޓީމަށް ބްރޯންޒް މެޑަލް ލިބިއްޖެއެވެ.

ބްރޯންޒް މެޑަލް ހޯދި ޓީމުގައި ހިމެނެނީ އިބްރާހިމް އަޝްފާން އަލީ، މުހައްމަދު ނާއިލް، އަހްމަދު އަލީ އަދި އިބާދުﷲ އާދަމް އެވެ. ރިލޭގައި އެއްވަނަ އިންޑިއާ އިން ހޯދި އިރު ދެވަނަ ހޯދާފައި ވަނީ ޕާކިސްތާނު ޓީމުންނެވެ.

މިއަދަކީ މުބާރާތް ފެށުނު ދުވަސް ކަމުން މިއަދު ރާއްޖޭގެ މުހައްމަދު ނާއިލް އަދި އަހުމަދު އަލީ ވަނީ 400 މީޓަރު ހީޓުގައި ވާދަ ކޮށްފައެވެ. ހީޓުގައި ދެވަނަ ހޯދައި ނާއިލް ވަނީ އެއިވެންޓުގެ ފައިނަލަށް ދަތުރު ކޮށްފައެވެ.

މީގެ އިތުރުން 100 މީޓަރު ހީޓުގައި ވިޝާން އިބްރާހިމް ވަނީ ދުވެފައެވެ. އަންހެން އެތުލީޓުންގެ ތެރެއިން 400 މީޓަރު ދުވުމުގައި އައިޝަތު ހިމްނާ ހަސަން ވާދަ ކޮށްފައި ވެއެވެ. މިދެ އެތުލީޓުން ފައިނަލް ބުރަށް ދަތުރު ކޮށްފައި ނުވީ ނަމަވެސް ހިމްނާ ވަނީ އޭނާގެ ޕާސަނަލް ބެސްޓް ވަގުތު ގައި ދުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު