ލިޔުނީ: ޒިދާން މުހައްމަދު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަދިވެސް ސީޓީ ސްކޭން ނުހެދޭތީ އެ ރަށު ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލްގައި ސިޓީ ސްކޭން ހެދޭނެ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަށް ހިދުމަތް ދޭން ފެށޭ ވަރު ވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސެކޭން، ސީޓީ ސްކޭން ބަހައްޓާ ރޫމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. މި މަސައްކަތަށް ބޭނުންވާ ލެޑް ޖެނުއަރީ މަހު ހޮސްޕިޓަލަށް ވަނީ ގެނެސްފައެވެ.

އޮސްޓްރޮވީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް 32 ދުވަހުގެ ތެރޭގައި ނިންމުމަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެއެވެ.

ރ. އަތޮޅާ އެކު އިތުރު ހަތަރު އަތޮޅެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ތަރައްގީ ކުރުމަށް ސަރުކާރުން މީގެކުރިން ވަނީ ނިންމައިފައެވެ.

ރޭ އެ ހޮސްޕިޓަލަށް ސްޓްރޯކެއް ޖެހިގެން ގެންދިޔަ ދުވަސްވީ ބަލި މީހަކު ވަނީ ސީޓީ ސްކޭން ނެހެދޭތީ ރ. އިފުރު އެއާޕޯޓަށް ފްލައިޓް ޗާޓަކޮށްގެން މާލެ ގެންނަން ޖެހުނެވެ.

މި މަސައްކަތް ނުނިމި ދިގުލައިގެންދާ ނަމަ، ގިނަ ބަޔަކު މި ގޮތަށް މާލެ ގެންނަން މަޖުބޫރުވާނެއެވެ. މިކަމަށް ބޮޑު ޚަރަދެއް ވެސް ހިނގާނެއެވެ.

އަތޮޅު ތެރޭގައި އެކަށީގެންވާ ސިއްޚީ ޚިދުމަތް ނުދެވޭ ވާހަކައަކީ އަބަދުވެސް ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ.