ރާއްޖެ އިން ކޮވިޑް-19 އަށް އެއް އަހަރުގެ ކުއްޖަކާއި ދެއަހަރުގެ ކުއްޖެއް އަދި ފަސް އަހަރުގެ ކުއްޖަކު ފައްސިވެއްޖެއެވެ.

މިތިން ކުދިން ވެސް ހިމެނީ މިރޭ ފައްސިވިކަން އިއުލާން ކުރި 27 މީހުންގެ ތެރޭގައެވެ. މީގެ ތެރެއިން އެއް އަހަރުގެ ފިރިހެން ކުއްޖާ އަކީ ކްލަސްޓާއެއްގައި ހިމެނޭ ކުއްޖެކެވެ. އެކުއްޖާ ހިމެނޭ ކްލަސްޓާ އިން 23 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ އަންހެނަކު ވަނީ މިއަދު ކޮވިޑް-19 އަށް ފައްސިވެފައެވެ. މި ކްލަސްޓާގައި އަދި ހިމެނެނީ މިތިން މީހުން އެކަންޏެވެ.

ފައްސިވި ފަސް އަހަރުގެ ކުއްޖަކީ ފިރިހެން ކުއްޖެކެވެ. ދެއަހަރުގެ ކުއްޖަކީ އަންހެން ކުއްޖެކެވެ. މިއިން އެއްވެސް ކުއްޖަކު އެއްވެސް ކްލަސްޓާއެއްގައި ހިމެނޭ ކަމަކަށް އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓަކުން ނުދައްކައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 67 ކުޑަކުދިން ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ ކުޑަކުދިން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދޭން ޖެހިފައެއް ނުވެއެވެ.

ރާއްޖެ އިން މިހާތަނަށް 2003 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 1193 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ބަލި ޖެހިފައި ތިބީ 800 މީހުންނެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 08 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު