ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް "ސްކޫޓް" އެއާލައިންސްގައި ދުނިޔޭގެ 23 މަންޒިލަކަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.

ސިންގަޕޫރު އެއަރލައިންސްގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ، އޭޝިޔާގެ މަޝްހޫރު ލޯ-ކޮސްޓް އެއަރލައިން، ސްކޫޓްގައި ޑިސްކައުންޓް އަގުގައި ދަތުރުކުރެވޭނެ މަންޒިލްތަކުގެ ތެރޭގައި، ސިންގަޕޫރ، ސިޑްނީ، ޕާރތް، ހޮންގކޮންގ، ބެންކޮކް، ފުކެޓް، މަނިއްލާ ފަދަ މަންޒިލްތައް ހިމެނެއެވެ.

އޭސް ޓްރެވެލްސް އިން ބުނީ، ސްކޫޓުން މި ރޯދަ މަހު ހިންގާ ބޮޑު ޕްރޮމޯޝަނެއްގެ ދަށުން އެ އެއާލައިންގެ ޓިކެޓް ވިއްކާ ތަންތަން މެދުވެރިކޮށް ދުނިޔޭގެ 23 މަންޒިލަކަށް ދަތުރު ކުރާ ފަރާތްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ.

އޭސް ޓްރެވެލްސް އިން ބުނީ، ޑިސްކައުންޓް އަގުގައި ޓިކެޓް ލިބޭނީ މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިން މެދުވެރިކޮށް ދަތުރު ކުރަން ޓިކެޓް ނަގަމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި މިގޮތަށް ޓިކެޓް ނަގާ ފަރާތްތަކުން 31 އޮކްޓޯބަރ 2018 ގެ ކުރިން ދަތުރު ކުރަން ވާނެކަމަށްވެސް އޭސް ޓްރެވެލްސް އިން ބުންޏެވެ.

އަގުހެޔޮކޮށް، މަޤުބޫލު މަންޒިލްތަކަށް ދަތުރުކުރުމަށް ސްކޫޓަކީ ހަމަ އެފަދަ ދެވަނައެއް ނެތް އެއަރލައިނެކެވެ.