އެއްވެސް ހުއްދައެއް ނެގުމެއް ނެތި މާލެ އިން ރަށްރަށަށް ދަތުރު ކުރެވޭނެ އުސޫލު މިހަފްތާ ތެރޭގައި އިއުލާން ކުރާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ފުރަތަމަ މަސައްކަތް ކުރީ އެންމެ އަވަހަށް ރަށަށް ދާން ޖެހިފައި ތިބި މީހުން ރަށަށް ފޮނުވަން ކަމަށާއި މިހާރު އެންމެ ބޮޑަށް މަޝްވަރާ ކުރެވެމުން ދަނީ މާލޭގެ ދަތުރުފަތުރު ހުޅުވާލަން ކަމަށެވެ.

"މިހާރު އިންތިޒާމްތައް ހަމަޖެހުމުން މިދަނީ އާއާއްމު ހާލަތަކަށް. މިހަފްތާ ތެރޭގައި އުސޫލުތައް ކަނޑައެޅި ހުޅުވާލެވިގެން ދާނެ. ހަނދުމަފުޅު ބަހައްޓަވަން ވާނެ މިހާރު ބަޔަކު ބޯޓަކަށް އަރައިގެން ދަތުރު ކުރާނީ ވެސް ކުރިން ކުރި ގޮތަކަށް ނޫން. އާގޮތަކަށް އެކަން ކުރަން ޖެހޭނީ. ގައިދުރުކަން ބަހައްޓައިގެން ބަލި ފެތުރޭނެ ގޮތް ވީހާވެސް ކުޑަ ކުރެވޭނެ ގޮތް ބަލައިގެން." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ދަތުރުތައް ކުރުމުގެ ފުރުސަތު ހުޅުވާލާއިރު ދަތުރުތައް އިންތިޒާމް ކުރާ ފަރާތްތަކުން ކަންކަން ރާވަން ޖެހޭނެ ކަމަށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުމާއި އެކު މާލެ ބޭރަށް ދަތުރު ކުރުން އެއްކޮށް މަނާ ކުރިއެވެ. ސަރުކާރުން ކަނޑައެޅި ކަރަންޓީން ފެސިލިޓީތަކަށް މީހުން ފޮނުވުމަށް ފަހު އެމީހުން ރަށްރަށަށް ފޮނުމުގެ މަސައްކަތް ވެސް ސަރުކާރުން ފެށީ މަހެއްހާ ދުވަސް ފަހުންނެވެ. އޭގެ ފަހުން މިހާރު ވަނީ ރަށްރަށަށް ދަތުރު ކުރާ މީހުން އަމިއްލަ ގޭގައި ކަރަންޓީން ވެވޭނެ އުސޫލެއް ގާއިމް ކޮށްފައެވެ.

ހުއްދަ ނެތި މާލެ އިން ރަށްރަށަށް ދަތުރު ކުރެވޭނެ އުސޫލު އާއްމު ކުރަން ތައްޔާރު ވަމުން ދާއިރު، މާލޭގައި އަދިވެސް ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. ނަމަވެސް ކޮންމެ ދުވަހަކު މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުން އަދަދު މިހާރު މަދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖުލައި

  ތީ ރަށްރަށަށް ބަލި ފޮނުވުން

  29
  4
 2. ހާމިދު

  ދުވާލަކު ކިތައް ޓެސްޓް ހަދާބާ އޭރުން އިގޭނީ ނައްސިވާ އަދަދު މަދުވަންޏާ.

  32
  3
 3. މަރިޔަން

  ތިއުޅެނީ ބަލި ނެތް ރަށްރަށަށް ބަލި ފޮނުވަން! މީދެން ކިހާދެރަކަމެއް. ރަށްރަށަށް އަންނަ މީހުން ނުތިބޭނެ ހޯމް ކަރަންޓީނަކު.

  6
  2