ދުނިޔޭގެ ހައްތުއިސްތަވާ މަތީގައިވާ ފެހި މުތްތަކެއް ފަދަ މި ކުޑަ ކުޑަ ދިވެހިރާއްޖެއަކީ އާދަޔާ ޚިލާފު ޤުދުރަތީ ރީތިކަމެއް ލިބިފައިވާ ޤައުމެކެވެ. ފެއްސާއި ނުލުގެ ސާލުތަކެއް ފަދަ މޫދާއި، ސާފު ހުދު ދޮންވެލިގަޑުތަކުން ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ވަނީ ފާހަގަވެފައެވެ. ދުނިޔެމަތީގެ ސުވަރުގެ، ނުވަތަ ދިރިއުޅުމުގެ އަލި ފަރާތް " ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުން މަޝްހޫރު ދިވެހިރާއްޖޭގައި އަދިވެސް ވަންހަނާވެފައިވާ އެތައް ރީތި ތަންތަނެއް އެބަހުއްޓެވެ.

ދާދި ފަހަކާއި ޖެހެންދެން ހީވެފައި އޮންނަނީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނާނީ ހަމައެކަނި ރިސޯޓްތަކަށް ކަމަށެވެ. އެކަމަކު އާއްމުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ފެށުމާއި އެކު، ރާއްޖޭގެ އެތައް ރަށަކަށް އުންމީދު އާވެގެންދިޔައެވެ. މުއްސަނދި ސަގާފަތަކާއި ފަހުރުވެރި ތާރީޚެއް އޮތް ރާއްޖޭގެ ކޮންމެ ރަށަކީވެސް އޭގެ ޒާތުގައި ރީތި އަދި އެހާމެ ތަފާތު ރަށެކެވެ. މިއިން ކޮންމެ ރަށެއްގައި ވެސް ފާހަގަކޮށްލެވޭ އެތައް ކަމެއް އެބަހުއްޓެވެ.

ކުރިއަރަމުން އައި ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، މީސްމީޑިއާގެ ބޭނުން ރަނގަޅަށް ހިފާ ދިވެހި ޒުވާނުން ދަނީ އެ ޒުވާނުންގެ އުފަން ރަށުގެ ރީތިކަމާއި ނަލަކަން އެންމެންނަށް ހާމަކުރަމުންނެވެ. މީސްމީޑިއާއަށް ބަލާލުމުން ވިޒިޓް ލާމު، ވިޒިޓް އައްޑޫ، ވިޒިޓް ވެލިދޫ އަދި މި ނޫނަސް އެތައް ކެމްޕެއިންތަކެއް ފެނިގެން ހިނގައްޖެއެވެ. މިފަދަ ވީޑިއޯތަކުގެ ތެރެއިން އެންމެ ފަހުން އާއްމުވި އެއް ކެމްޕެއިން އަކީ ރ.ކިނޮޅަސްގެ ހިތްގައިމު މަންޒަރުތައް ހިމެނޭ ވީޑިއޯތަކަކާއި އެކު ފެށި "ވިޒިޓް ކިނޮޅަސް" ކެމްޕެއިންއެވެ.

Visit Kinolhas ?——Discover the untouched natural beauty of one of the Maldives emerging destinations in Raa...

Posted by Visit Kinolhas on Sunday, June 21, 2020

ވިލުނޫކުލައިގެ މޫދާއި، ރާޅާއެޅުމާއި، ސާފު ރީތި ވެލިގަނޑާއި އެކު އެކިވަރުގެ ރުށްތަކުން ފުރާލާފައިވާ ކިނޮޅަހުގެ މަލަމަތި ދައްކުވައިދޭ އެ ވީޑިއޯ ބަލާފައި ކޮނޮޅަހަށް ދާން ބޭނުން ނުވާނެ މީހަކު މަދުވާނެއެވެ.

ވިޒިޓް ކޮނޮޅަސްގެ ފަހަތުގައި ވަނީ ކިނޮޅަހަށް އުފަން ޒުވާނެއްގެ ފޮނި އުންމީދުތަކެކެވެ. ކިނޮޅަހަށް އުފަން އުމުރުން 24 އަހަރުގެ މުހައްމަދު އަލީފް އަކީ ފާއިތުވި 9 ވަރަކަށް އަހަރު ރިސޯޓްތަކާއި ރަށްތަކަށް ގޮސް ފޮޓޯނެގުމުގެ މަސައްކަތް ކުރަމުން އައި ހުނަރުވެރިއެކެވެ. ފޮޓޯނެގުމުގެ ދާއިރާގައި މިފަދަ މަސައްކަތްތަކެއް ކުރަމުން އައި އިރު އޭނާ އަށް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ދިއުމުގެ ފުރުސަތު ވެސް ލިބިފައެވެ.

ކިނޮޅަހުގެ މޫދު ސަރަހައްދު: ފޮޓޯ އަލީފް

އެ ރަށްތަކުގެ ރީތިކަން ފެނުމުން، އަލީފް އަށް އިހުސާސްކުރެވުނީ އޭނާގެ އަމިއްލަ ރަށުގައިވެސް އާއްމުންގެ ސަމާލުކަން ދަމައިގަންނާނެ އެތައް ތަނެއް އެބަހުރިކަމެވެ.

އަލީފް ވަގުތަށް މައުލޫމާތު ދެމުން ބުނީ ކިނޮޅަހުގެ ރީތިކަން އާއްމުންނަށް ދައްކާލާ، ކިނޮޅަހަކީ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަޤްބޫލް ތަނަކަށް ވުމަކީ އޭނާ ދެކޭ ހުވަފެނެއްކަމަށެވެ.

"އަސްލު ދަތުރުތަކުގައި ދިޔައިމަ ފެންނަ ތަންތަނާއި ސައިޓްތައް ފެނުނީމަ އަލީފް ހިތަށް އެރީ އަސްލު އެބަހުއްޓޭ ބައިވަރު ތަންތަން. ސައިޓްތަކާއި އެކި ފާހަގަކުރެވޭ ތަންތަން. އެކަމަކު ރާއްޖޭގެ ރީތި ތަންތަނުގެ ވާހަކަދައްކާއިރު ކިނޮޅަހުގެ ވާހަކައެއް ނާދޭ. ނުވެސް އެނގޭ ބައެއް މީހުންނަށް. އެހެންވެ ބޭނުންވީ އެ ބަދަލު ކުރަން. ބައެއް މީހުންނަށް ކިނޮޅަސް އެނގެނީ ދީނީ ހަރުކަށި ބައެއް ތިބޭ ތަނެއް ގޮތުގައި. އަޅުގަނޑު ބޭނުންވީ އެކަން ބަދަލުކުރަން" އަލީފް ބުންޏެވެ.

ވިޒިޓް ކިނޮޅަހުގެ ފަހަތުގައިވާ ފޮޓޯގްރަފަރ އަލީފް

ކިނޮޅަހަކީ ޒުވާން ފޮޓޯގްރާފަރުން ތިބި ތަނަކަށް ވާއިރު، ކިނޮޅަސް އިޝްތިހާރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކިނޮޅަހުގެ ރީތި ތަންތަން ފޮޓޯ ނެގުމަށް ފަހު އެ ފޮޓޮ ގްރާފަރުންގެ ނަމާއި އެކު ޝާއިއު ކުރެވޭނެ ފުރުސަތު ފަހިކޮށްދީގެން، ފޮޓޯ ކޮންޓެސްޓެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިނޮޅަހުގެ އެންމެ ހިތްގައިމުކަމަކީ ވެލިގަނޑާއި އަތިރިމައްޗެވެ. ގަނޑުވަރު ބީޗް ޕިކްނިކް އޭރިއާގެ ނަމުން ނަން ދެވިފައިވާ މި ސަރަހައްދު ކައިރި ރަށްތަކާއި ރިސޯޓްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

ކިނޮޅަހުގެ އަތިރިމަތި، މިތަން ކައިރި ރަށްތަކާއި ރިސޯޓްތަކަށް ވެސް ވަނީ ހުޅުވާލާފައި: ފޮޓޯ އަލީފް

ކިނޮޅަހަކީ މަސައްކަތްތެރި، މުރާލި ހުނަރުވެރިން ގިނަ އެކުވެރި ރަށެއްކަން އަލީފް ފާހަގަކުރެއެވެ. ގުދުރަތީ ރީތިކަމުން މުއްސަނދި ކިނޮޅަހަކީ މެހެމާންދާރީ ރަނގަޅު، އެކުވެރި، އެއްބައިވަންތަ ބައެއްކަން އޭނާ ފާހަގަކުރެއެވެ. އެހެންކަމުން ދާން ބޭނުންވާ ރަށްތަކުގެ ލިސްޓުގައި ކިނޮޅަސް ނުހިމަނަން ޖެހޭ ސަބަބެއް ނެތެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙައްގުބަސް

  ޜާއްޖޭގައި ތިއަށްވުރެ މާބޮޑަށް ރީތި ތަންތަން ހުރޭ
  ތިއަށްވުރެ ރީތި ފޮޓޯވެސް ހުރޭ

  1
  6
  • ހަަހަ

   ކާކުތަ ބުނީ ނުހުރެެޔޭ?

 2. އަލި

  އެހައި ރީތި މޫދެއް ނެތް، ތި ކިނޮޅަހަކު

 3. ފައިނު

  މަތިން ނެގީމަ ރީތި ވާނެ ކޮންމެ ރަށެއްވެސް. ނަތިން ޓޫ ސްޕެށަލް. ލުލް

 4. ޑަންޑަނާ

  ކިނޮޅަހަށް ވުރެ މާ ސަޅި ވާނެ އުނގޫފާރު. ނިކަން އާދެބަލަ!