ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެންއީއޯސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޙާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވި، މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ކޯވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށެވެ. އަދި، ބައެއް އެހެން ޤައުމުތައް ދިޔަފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19 ދެކޮޅަށް ކުރާ މަސައްކަތް އާ މަރުހަލާއަށް ބަދަލުވުމާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.