ކޮވިޑް-19 އަށް މިހާރު ފައްސިވާ މީހުންގެ ތެރޭގައި ގުޅުން ނެތް "އިންޑިޕެންޑެންޓް ކޭސްތައް" ދަނީ އިތުރުވަމުން، ކަމަށާއި މިހެން ކަންތައް ވަމުން ދާނަމަ ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މުއާޒު މޫސާ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއާޒު ވިދާޅުވީ ޖޫން މަހުން ފެށިގެން ކްލަސްޓާތަކާ ގުޅުން ނެތް ކޭސްތައް އިތުރުވާކަން ފާހަގަ ވެފައިވާ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކޮވިޑް-19 ފައްސިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންލިކް ކޭސްތައް ގިނަ ވަންޏާ އޭގެ މާނައަކީ ކޮމިއުނިޓީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަނީއޭ. އަދި ކުރިއަށް އޮތްތާ ފައްސިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ސިގްނަލްއެއް. ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބަލި ފެތުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުން މުހިންމު،" ޑރ.މުއާޒު ވިދާޅުވިއެވެ.

ޑރ.މުއާޒް ވިދާޅުވީ އަންލިކް ނުވަތަ އިންޑިޕެންޑެންޓް ކޭސްތައް ކަމަށް ބަލަނީ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އޭނާގެ ހުރިހާ ކޮނެޓެކްޓްތަކެއް ޓްރޭސްކޮށް ނިމޭއިރު ވެސް ބަލި ޖެހުނު ގޮތެއް ނޭނގޭ ކޭސްތައް ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ދީފައިވާ ލުއިތަކުގެ ސަބަބުން ބައެއް މީހުން ކުރީގެ އާއްމު ދިރިއުޅުމަށް ބައްދަލު ވެފައިވާ ކަމަށެވެ. އެގޮތުން ކުޅެން ދިއުމާއި، ކުޅެ ނިންމާފައި ކޮފީ އަށް ދިއުން އެއީ އަނެއްކާ ވެސް އާދައަކަށް ހަދާފައިވާ ކަން ފާހަގަ ކުރައްވާ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރާއްޖެ އިން މިހާތަނަށް 2491 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިދަ ދަނޑި

    އިތުރު ވިޔަސް އޮޅިގެންވެސް ސްކޫލްތަށް ބަންދު ނުކުރާތި...

    16
  2. ޑެލްބޯއި

    ދުނިޔެއަކީ އެކަހަލަތަނެކެވެ. ބަލި މަޑުކަމާއި ތަދު މަޑުކަމާއި އުފަލާއި ދެރައާއި މުއްސަނދިކަމާއި ފަޤީރުކަމާއި ވިއްސާރަ އާއި އުޖާލާކަމާއި ދިރި ދުނިޔެއަށް އައުމާއި ނިމި މަރުވެ ދިއުމާއި އެއީ ދުނިޔޭގެ އާދައެވެ. މުހައްމަދު ޖަމީލު ވިދާޅުވެފައި އޮތް ފަދައިން "ދާމަގުން ދުނިޔެ ހިނގަމުން މިހިރިގެންދަނީ، އައު މަގެއްގައި ހިނގޭކަށް ނެތޭ އަންގަނީ."ޑޮކްޓަރުން ވެސް އަދި އެހެން ބޭފުޅުން ވެސް މިކަންކަން ދަނެގެން ކަންކަން ރާއްވަމުން ގެންދިއުން ނޫން ގޮތެއް އޮތް ކަމަކަށް ނުދެކެން.

  3. ކޮމެންޓު

    ތިހެން ވާނެ ކަން އެނގި ތިބެ މިހާރު ތައްޔާރުވެވިއްޖެޔޭ ކިޔާފ އެއްނު ލޮކްޑައުން ނިންމީ. ދެން ފަޅޮލޭ ކަރައޭ ނުކިޔަ ތިބެބަލަ

  4. ރައްޔިތުމީހުން

    ޖުލައި ސަތާރައިގަ އަލުން ލޮކްޑައުން ކޮއަލަފާނެ.. ކޮންމެސް އިދިކޮޅު ބަޔަކު މާ ބޮޑު ޖަލްސާއެއް ބާއްވާ ތީ ބުއްޅަބޭ ހުންނާނެ މޭކަރާފަ