ހއ. ކެލާ އަދި ހދ. ނޭކުރަންދޫގެ ކަނޑޫފާތައް މަރުވާން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީ އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އަދި އީޕީއޭ އިން އިއްޔެ ވަނީ ކެލާގައި ފީލްޑް އިންވެސްޓިގޭޝަން ފަށައިފައެވެ. އީޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ނޭކުރަންދޫގައި ފީލްޑް އިންވެސްޓިގޭޝަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް މި ހަފްތާގެ ފަހު ކޮޅުގައި ފެށުމަށް ވަނީ ނިންމައިފައެވެ.

މި އިންވެސްޓިގޭޝަނުގައި ކަނޑޫފާތަށް މަރުވާން ދިމާވާ ސަބަބު ދެނެގަތުމަށް އެސަރަހައްދުން ސާމްޕަލްތައް ނަގައި ތަހުލީލް ކުރުމުގެ އިތުރުން އެ ސަރަހައްދުތަކުގެ މާހައުލަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް އީޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

ނޭކުރަންދޫ އަދި ކެލާގައި އޮންނަ ކަނޑޫ ފަލަކީވެސް ސަރުކާރުން ހިމާޔަތް ކޮށްފައި އޮންނަ ތަންތަނެވެ. އެހެންނަމަވެސް ދާދި ފަހުން ވަނީ ކަނޑޫ ފަލުގެ ބައެއް ގަސްތައް މަރުވެ ހިކި، ފަތް ފައިބާން ފަށާފައެވެ.

އެތަނަށް ދިމާވެފައިވާ މައްސަލައެއް އަދި ހޯދިފައި ނުވާއިރު މިހާތަނަށް އެސަރަހައްދުން ފެނިފައި ނުވާ ބާވަތެއްގެ ފަންޏެއް ނޭކުރަންދޫ އިން ފެނިފައި ކަމަށް އެރަށުގެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

މި މައްސަލައިގެ ސަބަބުން އެ ދެ ރަށުގެ ގުދުރަތީ ވެއްޓަށްވެސް އަސަރުކުރަން ފަށާފައިވާ ކަމަށް އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން ކަނޑޫ ވަނީ އެއްކޮށް ނެތިގެން ގޮސްފައެވެ.

ކަނޑުލަކީ ޒަމާނުއްސުރެ ދިވެހިން ކައި އުޅޭ ބާވަތަކަށް ވާއިރު، ސަރުކާރުން އަންނަނީ ކަނޑޫފާތައް ހިމާޔަތްކޮށް އެތަންތަނަށް ދިމާވާ މައްސަލަތައް ހައްލުކުރުަމަށް މަސައްކަތް ކުރަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިކަން ތިދިމާވީ ކުރީސަރުކާރުން ތިޔަތަނާމެދު އަޅާނުލުގެ ސަބަބުން.! އެމައްސަލަ ބަލަން ޖެހޭ!!!

  2. ނޮޅިވަރަން

    ނޮޅިވަރަމު ކަނޑޫފާ ވެސް ވަނީ ވަރަށް ބޮޑަށް މަރުވެފައި... އެކަމަކު ނޮޅިވަރަމު ކައުންސިލް އިން އެކަމާ އަޅައެއްނުލާ.... އަސްލު ނޮޅިވަރަމު ކަނޑޫފާ އަދި ކުޅިވެސް ނޭކުރެންދޫ ކުޅި އަދި ކަނޑޫފަލައް ވުރެ ބޮޑު..

    1
    1
    • ނޭކުރެންދޫ ދޮންކާފަ

      ތިޔާ ރަށް 6ރަށު މީހުން ބަދަލުވިޔަކަސް ކަނޑޫފާ ބޮޑެއްނުވާނެ..

      1
      1
  3. ކާފު

    މަރުވާން ފެށީ އެތަން ހިމާޔަތް ކޮށް ބެލެހެއްޓުން ބަޔަކާ ހަވާލުކުރިފަހުން އެމީހުންނަށް އެކަން ނުވާތީ ސާފުވެއްޖެ..