ވަގުތީ ގޮތުން ހދ. ކޭލަކުނު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެެވެ.

ކޭލަކުނަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަށެވެ. އެ ރަށުން ލަކުޑި އާއި ދަރަށް ގަސް ކެނޑުމާއި ރުއް ކެނޑުން ފަދަ ކަންކަން ވަނީ މަނާކޮށްފައެވެ.

ހދ. އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އާންމުންނަށާއި، ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކަށް މި ރަށް ބެލެހެއްޓުމަށް ބަޔަކު ހޮވުމަށް ހުޅުވާލާ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ބީލަން ކުރިއަށް ދާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށާއި، ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ނަންނޯޓުކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ މި ރަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ބޭނުމަަކަށް އެރަށް ނަގާނަމަ އެކަން ރަށް ބަލަހައްޓާ ފަރާތަށް އަންގާނެ ކަމަށެވެ.

އަދި އެއްބަސްވުން އާކުރެވޭނީ ހަމަހުގެ މުއްދަަތަކަށް ކަމަށް އެ އިއުލާންގައި ވަނީ ބުނެފައެވެ.

މި ރަށް ބެލެހެއްޓުމަށް ހަވާލުވާ ފަރާތަކުން ވެސް އެ ރަށުގެ ތިިމާވެއްޓަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މި ރަށް ބަލަހައްޓާ ފަރާތުން އެ ރަށުގައި އާމްދަނީއަށް މަސައްކަތެއް ކުރެވުނަސް، އެ ކަމެއްގެ މައުލޫމާތު ކައުންސިލަށް އަންގަން ޖެހޭނެ ކަމަށާއި، އަދި ހުއްދައަކާއި ނުލައި ރަށަށް މީހަކު އަރައިފި ނަމަ އެކަންވެސް އަންގަން ޖެހޭނެ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކޭލަކުނަކީ ގުދުރަތީ ގޮތުން މުއްސަނދި ރަށެކެވެ. އެރަށުގައި ބަރު ލަކުޑީގެ ގަސް ގިނަ އަދަދަކަށް ހުންނަ އިރު 10 ހެކްޓަރުގެ ކުޅިއެއްވެސް އޮވެއެވެ. އަދި އެ ކުޅީގައި ރަނޑުލާއި ކަނޑޫ ހުރެއެވެ. ކޭލަކުނަކީ ވެލާ ބިސް އެޅުމަށްވެސް އަރާ ރަށެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައްބެ

    އެމްޑީޕީގެ އެކުޓިވިސްޓަކަށް ދޭންވީނު ވަރަށްފައިދާވާނެ ފަހަރެއްގައި ސަރުކާރުން ބަދަލުދޭންވެސް ޖެހިއްޖެ ނަމަ އެކަންކުރަންވެސް ފަސޭހަވާނެ.