ދިވެހި ލަފުޒުތަކަށް ކުޑަކުދިން އަހުލުވެރި ކުރުމަށް "ހޯދަމާ"ގެ ނަމުގައި މުހިންމު ދިވެހި ލަފުޒުތަކާއި ތަމްރީނުތައް ހިމެނޭ ފޮތެއް ނެރެފިއެވެ.

ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ މަހަލް ޖަމިއްޔާގެ ފަރާތުން ހަސަން ޒިޔާދު ފަރުމާކޮށް ތައްޔާރު ކުރި މި ފޮތް އިފްތިތާހު ކޮށްދެއްވީ، މިއަދު ދިވެހި ބަހުގެ އެކެޑެމީގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ބަހަށް އަގު ނުކުރެވޭ ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސޯދިޤް (ސޯދުބެ) އެވެ.

ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މަހަލް ޖަމިއްޔާއިން ނެރުނު މި ފޮތަކީ ކުޑަކުދިންނަށް ކަމުދާނެ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ ފޮތެކެވެ. އެ ފޮތުގައި އިންސާނާގެ ހަށިގަނޑުގެ ބައިތަކަށް ދީފައިވާ ދިވެހި ލަފުޒުތަކާއި، ގުރަހަތަކަށް ދީފައިވާ ލަފުޒުތަކާއި، ގައުމުތަކަށް ދިފައިވާ ދިވެހި ލަފުޒުތަކުގެ އިތުރުން އެހެނިހެން މުހިންމު މައުލޫމާތުތަކެއް ހިމެނެއެވެ. މީގެ އިތުރުން ކުދިންގެ ޝައުގުވެރިިކަން ލިބޭނެ ފަދަ ހާއްސަ ތަމްރީނުތަކެއްވެސް އެ ފޮތުގައި އެކުލެވިގެން ވެއެވެ.

އެ ފޮތް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ "ހޯދަމާ" ފޮތަކީ ކުދިންގެ ޝައުގުވެރިކަން އަތުލެވޭނެ ގޮތަކަށް މިޒަމާނުގެ އުކުޅުތައް ބޭނުންކޮށްގެން މަހަލް ޖަމިއްޔާގެ ފަރާތުން ނެރެފައިވާ ފުރިހަމަ ފޮތެއް ކަމަށެވެ. އަދި މިއީ ކުޑަކުދިންނަށް މަހަލް ޖަމިއްޔާގެ ފަރާތުން ދެވޭ ވަރަށް ބޮޑު ހަދިޔާއެއް ކަމަށް ވިދާޅުވެ އަޝްރަފް ވަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މީގެ އިތުރުން މި ފޮތުގެ ބޭނުން ރަނގަޅުގޮތުގައި ހިފިއްޖެ ނަމަ ކުދިންގެ ސިކުނޑިތަކުގައި ބަހުގެ އޮނިގަނޑުތަކާއި ބަސް ކޮށާރު ހަރުލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

"ހޯދަމާ" މި ފޮތް މިއަދު އިފްތިތާހު ކޮށްފައިވާއިރު މި ފޮތް މިރޭ މާލޭގެ ގިނަ ފޮތްފިހާރަތަކުން ލިބެން ހުންނާނެ ކަމަށް މަހަލް ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. އަދި ފޮތް ގޭގެއަށް ޑެލިވާ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފޮތް ގެއަށް ޑެލިވާ ކުރަން ބޭނުންފުޅުވާ ފަރާތްތަކުން 9999207 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ. މި ފޮތް ގަންނަން ލިބެން ހުންނާނީ 50 ރުފިޔާ އަށެވެ.

މިއަދު ނެރުނު "ހޯދަމާ" ފޮތް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މަހަލް ޖަމިއްޔާ އިން މައުލޫމާތު ދިން ގޮތުގައި މި ފޮތް ތައްޔާރު ކުރުމަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަ ވެފައެވެ. މި ފޮތުގެ އިތުރުން ވެެސް ކުޑަ ކުދިންނަށް ހާއްސަ އިތުރު ފޮތްތަކެއް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނެރޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަ ކޮށްފައެވެ.